ޚަބަރު
4000 ފްލެޓް އަޕްޑޭޓް: އެއްބަސްވުމުގައި ސޮއިކުރަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު އެފްޑީސީއާ ހިއްސާކުރަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާޓް ކޮށްފައިވާ ފްލެޓްތަކެއް

ފަރުދުން
19 ޖުލައި 2025، 01:19
19 ޖުލައި 2025، 01:19
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި ފުރަތަމަ 4000 ފްލެޓްތަކުގެ ޙައްގުވެރިންގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހިއްސާކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައިވާ ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައ، ފްލެޓް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު އެފްޑީސީއާއި ޙިއްސާކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
އެގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެފްޑީސީ އިން ކަމަށް މިނިސްޓްރީގެ އިޢުލާންގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެ ކަމަށެވެ. މިގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން ނުވަތަ އެފްޑީސީ އިން ނުގުޅާނެ ކަމާއި، އެފަދަ ފޯން ކޯލްތަކާއި އެސް.އެމް.އެސްތަކަށް ސަމާލުވުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.
މި ސްކީމަށް ފޯމު ހުށައެޅި މީހުންގެ ތެރެއިން ސަރުކާރުން މިހާރު ރިވިއުކުރަމުންދަނީ، ސްކީމަށް ހޮވިފައިވާކަމަށް 2023ގެ ނޮވެމްބަރުގައި އޭރުގެ ސަރުކާރުން ހާމަކުރި 4000 މީހުންގެ ލިސްޓެވެ. މި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، ޝަރުތު ހަމަނުވެގެން ފްލެޓް ނުލިބޭ މީހުންނަށް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފްލެޓް ނުލިބޭ ސަބަބާއެކު އެކަން އަންގަން ފަށާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން މީގެ ކުރިންވެސް ބުނެފައިވެ އެވެ.