ވިޔަފާރި / ޚަބަރު

ދުވާފަރުގައި ބީއެމްއެލް އިސްލާމިކްގެ 40 ވަނަ ބްރާންޗު ހުޅުވައި، 'ޕޭޕަރ ލެސް' ޚިދުމަތް ދޭން ފަށައިފި

ދުވާފަރުގައި ބީއެމްއެލް އިސްލާމިކްގެ 40 ވަނަ ބްރާންޗު ހުޅުވައި، 'ޕޭޕަރ ލެސް' ޚިދުމަތް ދޭން ފަށައިފި

ދުވާފަރުގައި ބީއެމްއެލް އިސްލާމިކްގެ 40 ވަނަ ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތު ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2025، 04:21

19 ޖުލައި 2025، 04:21

މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބީއެމްއެލް އިސްލާމިކްގެ ބްރާންޗެއް ހުޅުވައި، އިސްލާމީ ޝަރީޢާގައި ހުއްދަ ޚިދުމަތްތައް ދޭން ފަށައިފިއެވެ. މިއީ ބީއެމްއެލްގެ 40 ވަނަ ބްރާންޗެވެ.

ދުވާފަރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ އިސްވެރިންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން އެރަށު ކައުންސިލްގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރައްޔިތުންނަށް ރަށުގައި ތިބެގެން ގިނަ ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. އަދި މި ތަސައްވުރާއެކު، ބީއެމްއެލްގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ. 

ދުވާފަރަކީ އާބާދީ ބޮޑު ރަށެއްކަން ފާހަގަކުރައްވާ، އެރަށުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަކީ ރަށު ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުންދިޔަ ކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި ޚިދުމަތާއެކު ރަށު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ، ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ "ޕޭޕަރ ލެސް" ނުވަތަ ޑިޖިޓަލް ބޭންކިންގ ނިޒާމުކަމަށެވެ. އަދި މި ފަދަ ނިޒާމެއް ބޭނުންކުރުމުގެ މުހިންމުކަމާއި އެކަމުގެ ސަބަބުން ލިބިގެންދާނެ ފަސޭހަތައް އޭނާ ފާހަގަކުރެއްވިއެވެ.

ދުވާފަރު ބްރާންޗުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ރަސްމީ ގަޑިގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމުގެ މަސައްކަތްތަކާއި، ކާޑުގެ ޚިދުމަތް ވެސް ލިބޭނެއެވެ. މި ހުރިހާ ޚިދުމަތްތަކެއް ވެސް ފޯރުކޮށްދެމުންދާނީ އިސްލާމީ ޝަރީއަތާ އެއްގޮތަށެވެ.



މި އައު ބްރާންޗާއެކު މުޅި ރާއްޖެ ހިމެނޭ ބީއެމްއެލް ބޭންކިންގ ވިއުގަ މިވަނީ އިތުރަށް ފުޅާވެފައެވެ. އެގޮތުން 20 އަތޮޅެއްގައި 39 ބްރާންޗް، 133 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އަދި 200އަށްވުރެ ގިނަ ކޭޝް އޭޖެންޓު މެދުވެރިކޮށް ބީއެމްއެލުން ދަނީ ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން މުޅި މުޖުތަމަޢުއަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްގެ އަމާޒެކެވެ.
1982 ވަނަ އަހަރު ބޭންކުގެ ފުރަތަމަ ބްރާންޗް ހުޅުވީ މާލޭގައެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެ ގޮތަށް ބޭންކުން ދަނީ ޚިދުމަތްތައް ފުޅާކުރަމުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS