ޚަބަރު
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ދެ ވުޒާރާއަކުން މުހިންމު އެއްބަސްވުމަކަށް

ފޮޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ފަރުދުން
20 ޖުލައި 2025، 11:15
20 ޖުލައި 2025، 11:15
ލޭބަރ އިންސްޕެކްޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ސަރުކާރުގެ ދެ ވުޒާރާއަކުން އެއްބަސްވެއްޖެއެވެ.
ސަރުކާރުން މިފަދަ އެއްބަސްވުމެއް ވެފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ވަޒީރު، ޢަލީ އިހުސާން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ ގޮތުން ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތްތަކުގައި ދެ ވުޒާރާ އިން ގުޅިގެން މަސައްކަތްކުރުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ . އެގޮތުން، މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތަކުގެ މައްޗަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވައިލާފައެވެ. އަދި ލޭބަރ އިންސްޕެކްޝަންގެ މަސައްކަތްތައް ހަރުދަނާ އިންތިޒާމަކާއިއެކު ކުރިއަށްގެންދިޔުމަށް ދެ ވުޒާރާ އިން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
ވަޒީފާގެ ރައްކާތެރިކަން އިތުރުކޮށްދިނުމާއި، ކުރާ މަސައްކަތްތަކަށް އެކަށީގެންވާ އުޖޫރާ ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ސިޔާސަތަށް ޢަމަލުކުރުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.