ޚަބަރު
މަސްތުގެ ޙާލަތުގައި ހުރެ ގެއެއްގައި އަލިފާން ރޯކޮށްފި

ފޮޓޯ: ޕޮލިސް މީޑިއާ

ފަރުދުން
28 ޖުލައި 2025، 11:37
28 ޖުލައި 2025، 11:37
މަސްތުގެ ޙާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ގެއެއްގައި އަލިފާން ރޯކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައިވާ ގޮތުގައި ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ އދ. އޮމަދޫގައެވެ.
ފުލުހުން ބުނީ މަސްތުގެ ޙާލަތުގައިހުރި ކަމަށް ބެލެވޭ ދިވެހި ފިރިހެނެއް ކަމުގައިވާ އަޙްމަދު ނާފިއު (32އ) ސްޓެއްލާ/ އދ. އޮމަދޫ، އަޑުގަދަކޮށް ހަޑިހުތުރު ބަހުން މުޢާމަލާތްކޮށް ތަކެއްޗަށް ގެއްލުންދީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 21:27 އެހާކަށްހާއިރު ގައެވެ.
އަލިފާން ރޯކުރުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެ އެވެ. ނަމަވެސް، ފުލުހުން ބުނީ ކޮޓަރީގައިހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ނާފިއު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.