ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޖެނީވާއަށް ފުރާވަޑައިގަތުމުގެ ކުރިން ނަންގަވާފައިވާ ފޮޓޯއެއް--ފޮޓޯ: މަޖިލީސް

ފަރުދުން
28 ޖުލައި 2025، 02:36
28 ޖުލައި 2025، 02:36
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޓްޒަލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގަންނަވައިފި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
އެކްސްގައި ކުރި ޓްވީޓެއްގައި މަޖިލީހުގެ އިދާރާއިން ބުނީ ސްޕީކަރސް އޮފް ޕާލަމެންޓުގެ 6 ވަނަ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް، މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި ކަމަށެވެ. އެހެން ނަމަވެސް، މި ދަތުރުގެ އިތުރު ތަފްސީލެއް މަޖިލީހުން ހާމަކޮށްފައިނުވެ އެވެ.
މި ކޮންފަރެންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 އިން 31 ގެ ނިޔަލަށެވެ. މިއީ އިންޓަރ ޕާލަމެންޓަރީ ޔުނިއަން (އައިޕީޔޫ) އިން އިންތިޒާމްކުރި ބައްދަލުވުމެކެވެ. މި ސްޕީކަރސް ކޮންފަރެންސްގެ ކުރިން 28 ޖުލައިގައި ބާއްވާ މަޖިލީސްތަކުގެ އަންހެން ރައީސާއިންގެ 15 ވަނަ ސަމިޓް އޮންނާނެ ކަމަށް ވެސް އައިޕީޔޫ އިން ބުނެފައިވެ އެވެ.
މި ކޮންފަރެންސް ބޭއްވުމުގެ މަޤްޞަދަކީ ބައިނަލްއަގްވާމީ ކަންކަމުގައި ޑިމޮކްރަސީގެ ފަރަގު ކުޑަކުރުމަށް އެހީތެރިވެދިނުން ކަމަށް އައިޕީޔޫ އިން ބުނެފައިވެ އެވެ. މިފަހަރުގެ ބައްދަލުވުމުގައި 20 އަށްވުރެ ގިނަ ޤައުމުތަކުން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ. މަޖިލީސްތަކުގެ ރައީސުންގެ އިތުރުން ދުނިޔޭގެ އެކި ލީޑަރުންނާއި ޖަމިއްޔާތަކާއި ނޫސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް އައިޕީޔޫއިން މިކަމާއި ގުޅޭގޮތުން ޝާއިޢުކުރި ޚަބަރެއްގައި ބުނެފައިވެ އެވެ.