ވިޔަފާރި / ޚަބަރު
ބީއެމްއެލްއަށް ދެވަނަ ކުއާޓަރގައި ބޮޑު ކުރިއެރުމެއް: ފައިދާ އިތުރުވެ، ޚިދުމަތްތައް ފުޅާކޮށްފި

ބޭންކް އޮފް މޯލްޑިވްސް ފޮޓޯ:ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ދެވަނަ ކުއާޓަރގައި ފައިދާގެ ގޮތުގައި 558 މިލިއަން ރުފިޔާ ހޯދައި، މާލީ ގޮތުން ހަރުދަނާ ކުރިއެރުމެއް ހޯދާފައިވާކަން އެ ބޭންކުގެ މާލީ ރިޕޯޓުތަކުން ހާމަވެއްޖެއެވެ. މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން މާލީ ގޮތުން ލިބުނު ކާމިޔާބީއެކެވެ.
ބީއެމްއެލްއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 558 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 497 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 12.3 އިންސައްތައިގެ ކުރިއެރުމެކެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި މި ކުއާޓަރުގައި 790 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 698 މިލިޔަން ރުފިޔާއަށްވުރެ 13 އިންސައްތަ އިތުރު އަދަދެކެވެ.
މުޅި އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު، ޓެކުހަށް ކެނޑުމަށް ފަހު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 1.05 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅައިބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުން ޖުމްލަ ދޫކޮށްފައިވާ ލޯނުގެ އަދަދު 21.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާއެކު ޖުމްލަ އެސެޓް ވަނީ 51 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.
ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ކުއާޓަރުގައި ބޭންކުން ހޯދި ހަރުދަނާ ނަތީޖާއަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.
މި ނަތީޖާއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތަށްދޭ އަހުމިއްޔަތުކަމާއި އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ ހަރުދަނާކަން. ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު، އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ފައިދާ އިތުރުކުރުމާއެކު ގައުމަށް ފައިދާކުރާނެ އަދި މަންފާ ލިބޭނެ ބަދަލުތަކެއް ގެނައުން
މުޙައްމަދު ޝަރީފް
މި ކުއާޓަރގައި ބީއެމްއެލްއިން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހަން ފާސްކޮށްފައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުވެސް މިކުއާޓާގައި ވަނީ އިތުރަށް ފުޅާކޮށްފައެވެ.
މީގެ އިތުރުން ދެވަނަ ކުއާޓަރުގައި ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ވަނީ "އީއެންވީ ޕީއޯއެސް" ތައާރަފްކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެކަމަށާއި، މި ޕްރޮގްރާމަށް ކަސްޓަމަރުންނާއި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި، ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އެޖެންޓް ބޭންކިންގ ޚިދުމަތްތަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން ފުރިހަމަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެއެވެ.