ޚަބަރު
ލ. މާމެންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ލ. މާމެންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެތި/ފޮޓޯ: ފުލުހުން
ލ. މާމެންދޫގައި ދިވެހި ފުލުހުން ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނަކީ މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނެއް ކަމަށެވެ.
އެގޮތުން، ނިމިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބޯޓު އެތެރެ ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. ފުލުހުން ވިދާޅުވީ، އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 82 ގުރާމު ކަމަށެވެ.
މާމެންދޫ ފުލުހުންގެ ޚިދުމަތާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.