Ads by Stelco

ޚަބަރު

މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ވަރަށް އަވަހަށް ހާމަކުރާނަން: މޭޔަރ ޢާޒިމް

މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ވަރަށް އަވަހަށް ހާމަކުރާނަން: މޭޔަރ ޢާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް/ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޯގަސްޓު 2025، 06:53

02 އޯގަސްޓު 2025، 06:53

މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ވަރަށް އަވަހަށް ހާމަކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ، ކައުންސިލްތަކުން ބޭއްވުމަށް ޤާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޭޔަރ ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިހުރި ބިންތައް ކުއްޔަށް ދޫކޮށްފައިހުރީ ކޮންބަޔަކަށް، ކޮންބޭނުމަކު، ކޮން ކުއްޔަކަށް، ކިހާ މުއްދަތަކަށްކަން، ކުރިޔަށް އޮތް މަހެއްހާ ދުވަހުގެތެރޭ ހާމަކުރަމުން ގެންދާނެކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ކުރިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ވެސް ޢަމަލުކުރާނެގޮތެއް ނިންމަމުން ގެންދަވާ ކަމަށެވެ. އަދި މިކަން ކުރައްވަމުން ގެންދަނީ ކައުންސިލް ތަޅުމަށް ހުށަހެޅުމަށްފަހު މަޝްވަރާގެ ރީތި އުސޫލުންކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ އިތުރަށް ވިދާޅުވީ،  ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، މާލެ ސިޓީ ކައުންސިލުން ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، އެ މަނިކުފާނާއެކު މަސައްކަތުގައި ދެމިތިއްބެވި ހީވާގި މުވައްޒަފުންގެ ޓީމު ކަމަށެވެ.

ވޭތުވެ ދިޔަ 6 މަސް ދުވަހު ބޭއްވި ކައުންސިލްގެ 23 ޖަލްސާގެ ރެކޯޑްތަކުން، މި ޙަޤީޤަތް ހާމަވާނެ. މާލެ ސިޓީގެ ވެރިންނާއި މުއައްޒަފުންނަކީ، ވޭތުވެދިޔަ 6 މަސް ދުވަހު ހާޞިލްކުރެވުނު ކާމީޔާބީގެ މުގުލުގައި ތިއްބެވި ފަރާތްތައްކަން ވެސް ފާހަގަ ކުރަން.

މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ މާލެ ސިޓީގެ އެންމެހައި ކައުންސިލަރުންނާއި، ޑަބްލިއު ޑީސީގެ މެންބަރުން، އަދި އިސް މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުން، ގުޅިގެން ކުރާ މަސައްކަތުން މާލެ ސިޓީގެ ރައްޔިތުންނަށް ފަސޭހަ، ފަހި ދިރިއުޅުމެއް ލިބި، މާލެ ސިޓީއަކީ އުފާފާގަތިކަމާއެކު ދިރިއުޅެވޭނެ، އަމާން އަދި ރައްކާތެރި ތަނަކަށް ވުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން