ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކުވެއިތުގެ އަމީރަށް ސިޓީފުޅެއް ފޮނުވައިފި
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ކުވެއިތުގެ އަމީރާ ބައްދަލުކުރެއްވުން---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވެއިތުގެ އަމީރު ޝައިޚް މިޝްޢަލް އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްޞަ ސިޓީފުޅު ރައްދުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ސިޓީފުޅު ކުވެއިތުގެ އަމީރަށް ރައްދުކޮށްދެއްވުމަށް ހަވާލުކުރައްވާފައިވަނީ، ވަޒީރު ޑރ. ޝަހީމް އިއްޔެ ކުވެއިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާޙް ޖާބިރު އަލްއަޙްމަދު އަލްޞަބާޙާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ އަތްޕުޅަށެވެ.
ކުވެއިތުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ ގުޅުން އިތުރު ދާއިރާތަކުން ފުޅާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ދެ ޤައުމުންވެސް ޝައުޤުވެރިވާ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި ބައިނަލްއަޤްވާމީ މަސްރަޙުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ކުވެއިތަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.