Ads by Farudhun

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

30 އޮކްޓޯބަރު 2026، 08:50

30 އޮކްޓޯބަރު 2026، 08:50

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ ޒުވާނަކާއި އޭނާގެ މަންމަ ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، އެފަދަ މީހުންނާއި ކުދިންނަށް މުޖުތަމަޢުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކުގެ މަޢުލޫމާތު ޙިއްޞާކޮށްފައެވެ.

ޚާއްޞަކޮށް، ވަޒީފާ ހޯދުމުގެ މަރުޙަލާގައި ދިމާވާ ދަތިތައް އެ ޒުވާނާ އާއި އޭނާގެ މަންމަ ވަނީ ރައީސަށް ދަންނަވާފައެވެ. އެގޮތުން، ތަޢުލީމީ ގޮތުން ފުރިހަމަވާންޖެހޭ ޝަރުޠުތައް ހަމަވި ނަމަވެސް، ބައެއް ތަންތަނުން ވަޒީފާ ދިނުމުގައި ފަސްޖެހޭކަން އެ ފަރާތުން ފާހަގަކުރިއެވެ. އަދި ބައެއް ވަޒީފާތަކަށް ކުރިމަތިލުމުން އިންޓަވިއުއަށް ގެންދިއުމަށްފަހު، ފަހުން އެއްވެސް ޚަބަރެއް ނުވާކަމުގެ ކަންބޮޑުވުންވެސް އެ ފަރާތުން ރައީސާ ޙިއްޞާކުރެއްވިއެވެ.

މި ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެންމެން ޝާމިލްވާ މުޖުތަމަޢެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ދިރިއުޅޭ ނާޒުކު އާބާދީތައް ބާރުވެރިކުރުވުމަށްޓަކައި، ޝާމިލު މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ބޮޑު މަޝްރޫޢެއް އަންނަ އަހަރު ފެށުމަށް ސަރުކާރުން ނިންމަވާފައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ތަފާތު ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުން ކަމަށެވެ.

މި ޤައުމީ މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ދިވެހި މުޖުތަމަޢުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ އެންމެހައި ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އެންމެ ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ޞިއްޙީ ފަރުވާއާއި އެހެނިހެން ޚިދުމަތްތައްވެސް އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު ހޯދުމުގެ ފުރުޞަތު އެފަދަ ފަރާތްތަކަށް ފަހިވެގެންދާނެއެވެ.

ސަރުކާރުގެ އެންމެ ބޮޑު ޢަޒުމަކީ އެއްވެސް ފަރުދަކު ބާކީނުކޮށް، އެންމެންނަށް ފުރުޞަތުތައް ހަމަހަމަކަމާއެކު ލިބިދޭ، އޯގާތެރި އަދި ޝާމިލް މުޖުތަމަޢެއް ދިވެހިރާއްޖޭގައި ބިނާކުރުން ކަމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450