ޚަބަރު
ތިނަދޫ ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފި
ތިނަދޫ ރޭޕް ކޭހުގައި ހައްޔަރުކުރި މީހުން. ފޮޓޯ: ޕޮލިސް
ގދ. ތިނަދޫގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ. މި މައްސަލައިގެ ތަހުގީގަށް މާލެއިން ފޮނުވި ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ވެސް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކޯޓުން މި މައްސަލައިގައި ހައްޔަރުކުރި އަޙްމަދު ނޫޙު ނިޔާޒު (20އ) ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) ގެ ބަންދަށް އިތުރު 30 ދުވަސް އަދި ނަޖުމުﷲ ޙަސަން (35އ) ގެ ބަންދަށް 45 ދުވަސް ކޯޓުން ވަނީ ދީފައެވެ.
ހަމައެއާއެކު، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ގެ ބަންދަށް 90 ދުވަސް ޖަހާފައިވާއިރު، ޢާޒިމް މުފީދު (24އ) ގެ ބަންދަށް 15 ދުވަސް، މުޙައްމަދު ޞާލިޙު އަޙްމަދު (26އ) ގެ ބަންދަށް އިތުރު 5 ދުވަސް އަދި އަޙްމަދު ޞާނިޖު ޞާދިޤު (32އ) ގެ ބަންދަށް ވެސް ވަނީ މުއްދަތު އިތުރުކޮށްފައެވެ.
ބަޔަކު ވެގެން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.