ވިޔަފާރި / ޚަބަރު
އައު ބޭރުފައިސާ ޤާނޫނުގެ ދަށުން 34 ފަރާތަކަށް އަލަށް ލައިސަންސް ދޫކޮށްފި

އެމެރިކާ ޑޮލަރު
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކުރައްވާފައިވާ ގޮތުގައި، އަލަށް އަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މުޅިން އަލަށް 34 ފަރާތަކަށް ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް ދޫކޮށްފައިވެއެވެ. މި ލައިސަންސްތައް ދޫކުރައްވާފައިވަނީ "މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވައިދު" ގެ ދަށުން ހުށަހެޅި ފަރާތްތަކަށެވެ.
އެމްއެމްއޭއިން މަނީ ޗޭންޖިންގ ލައިސަންސްއަށް އެދި ހުށައެޅުމަށް ހުޅުވާލެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އައު ޤާނޫނުގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ޚިދުމަތް ދެވޭނީ މިހާރު އަލުން ރަޖިސްޓްރީކޮށް ލައިސަންސް ހޯދައިގެންނެވެ.
އެމްއެމްއޭއިން ވިދާޅުވި ގޮތުގައި އަލަށް ދޫކުރި 34 ލައިސަންސްގެ ތެރޭގައި ޓިއާ 1 ލައިސަންސް 29 ފަރާތަކަށް ދޫކޮށްފައިވާއިރު، ޓިއާ 2 ގެ ލައިސަންސް 5 ފަރާތަކަށް ވަނީ ދޫކުރައްވާފައެވެ. ޓިއާ 1 ކެޓަގަރީގެ ވިޔަފާރިތަކަށް ދޫކުރަނީ ބޭރުފައިސާ ގަނެ ވިއްކުމަށް ދޫކުރާ ލައިސަންސެވެ. ޓިއާ 2 ލައިސަންސަކީ ހަމައެކަނި ރިސޯޓްތަކަށް ބޭރުފައިސާ ވިއްކަން ދެވޭ ލައިސަންސެކެވެ.
މުޅިން އަލަށް 34 ފަރާތަކަށް ލައިސަންސް ދީފައިވީނަމަވެސް، މި 34 ފަރާތް ހިމަނައިގެން ޖުމްލަ 62 ފަރާތަކަށް އެމްއެމްއޭއިން ވަނީ ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް ދޫކޮށްފައެވެ. މި އަދަދުގެ ތެރޭގައި ކުރިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ 28 ފަރާތެއް ހިމެނެއެވެ.
އެމްއެމްއޭއިން އަލަށް އަމަލުކުރަން ފެށި ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދަކީ 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ޤަވާއިދުގެ ބަދަލުގައި ޢަމަލުކުރަން ފެށި އައު ޤަވާއިދެކެވެ. މި ޤަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް، އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ. މިގޮތުން، ބޭރުފައިސާގެ މުއާމަލާތްތަކުގައި ހަރުދަނާކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާނެއެވެ.