ޚަބަރު
ހަނިފަރު ބޭ ސަރަޙައްދު ބެލެހެއްޓުމަށް ދަރަވަންދޫގައި ވޮޗް ޓަވަރެއް ޤާއިމުކުރަނީ

ހަނިފަރުބޭ---
ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގައި ހިމެނޭ ހަނިފަރުބޭ ސަރަޙައްދު ބެލެހެއްޓުމަށް ދަރަވަންދޫގައި ވޮޗް ޓަވަރެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް އިއުލާނުކުރެއްވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވި ބައްދަލުވުމުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވްއަކީ އެ ސަރަޙައްދުގެ ފަތުރުވެރިކަމާއި މުޅި ރާއްޖޭގެ ފަތުރުވެރިކަމަށްވެސް މުހިންމު ތަނެކެވެ.
"މިރަށުގައިވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު ވޮޗް ޓަވަރެއް ޤާއިމްކޮށްދީ، މި ރަށުގައި ލޯކަލް ޓުއަރިޒަމް ހިންގާ ފަރާއްތަކުން އެ ސަރަޙައްދު ބޭނުންކުރުމުގައި މި ރަށައް ބޭނުންވާ ފަސޭހަތައް ހޯދާނިނުމުގެ މަސައްކަތް ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު، ތާރިޤް އިބްރާހިމް ވިދާޅުވީ، ހަނިފަރުބޭ ސަރަޙައްދު އޮންނަނީ ދަރަވަންދޫއާ އެންމެ ގާތުގައި ކަމަށާއި، ވޮޗް ޓަވަރު އެޅުމުގެ މައިގަނޑު މަޤްސަދަކީ އެ ސަރަޙައްދު ރައްކާތެރިކަމާއެކު ބެލެހެއްޓުމެވެ. މީގެ ސަބަބުން އެ ސަރަޙައްދަށް ވަދެ އުޅޭ ފަރާތްތައް ބެލެހެއްޓުމާއި، ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ފުރަތަމަ ކަނޑައެޅުނީ 2011 ވަނަ އަހަރުގެ ޖޫން 28 ގައެވެ. މިހާތަނަށް އެ އަތޮޅުން ތިމާވެށީގެ ގޮތުންނާއި ކަނޑުގެ ދިރުމުން މުއްސަނދި 10 ސަރަޙައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އޭގެ ތެރެއިން 4 ސަރަޙައްދެއް ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭނެއް ހަދައިގެން ބަލަހައްޓަމުން ގެންދެއެވެ.
ހަނިފަރު ބޭ ސަރަޙައްދަކީ ބ. އަތޮޅުގެ އިރުއުތުރު ބިތުގައި އިރުއުތުރުން މާ ކަނޑާ ގުޅިފައިވާ، ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދިކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި ވޮޗް ޓަވަރެއް ޤާއިމުކުރުމަކީ މި މުހިންމު ސަރަޙައްދު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.