ކުޅިވަރު
ޖޫންއިން ފެށިގެން ކުޅުންތެރިން ގަތުމަށް އިނގިރޭސި ކްލަބުތަކުން 2.2 ބިލިއަން ހޭދަކޮށްފި

މި އަހަރުގެ ޓްރާންސްފަރ ވިންޑޯގައި އެންމެ އަގުބޮޑުކޮށް ޕްރިމިއާރ ލީގަށް ގެންދިޔަ ފްލޯރިއަން ވާރޓްސް، ފޮޓޯ: ގެޓީ އިމޭޖަސް
މި 'ޓްރާންސްފަރ ވިންޑޯ' ޖޫން މަހު ހުޅުވާލި ފަހުން މިހާތަނަށް އިނގިރޭސި ލީގުގެ ކްލަބުތަކުން އެކަނި ވެސް، ޔޫރަޕްގައި ދެން އޮތް ބޮޑު ހަތަރު ލީގުގެ ޓީމުތައް އެއްކޮށްލުމުން ކުޅުންތެރިން ގަތުމަށް ހޭދަކުރި މިންވަރަށް ވުރެ އިތުރަށް ހޭދަކޮށްފިއެވެ.
އެގޮތުން 'ޓްރާންސްފަރ ވިންޑޯ' ބަންދުވުމަށް އަދި ބާކީ ދެ ހަފްތާއެއްހާ ދުވަސް އޮތްއިރު، މިހާތަނަށް އިނގިރޭސި ކްލަބުތަކުން ވަނީ 2.26 ބިލިއަން ޕައުންޑު ހޭދަކޮށްފައެވެ.
ކުޅުންތެރިން ގަނެ ވިއްކުމުގެ މަޢުލޫމާތު ބަލަހައްޓަމުން އަންނަ 'ފުޓްބޯލް ޓްރާންސްފާރ' (FootballTransfers.com)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިހާތަނަށް އައިއިރު މިދިޔަ އަހަރުގެ ސަމާރ ޓްރާންސްފަރ ވިންޑޯ'ގައި އިނގިރޭސި ކްލަބުތަކުން ހޭދަކުރި މިންވަރަށް ވުރެ މި އަހަރު ހޭދަކޮށްފައިވާ މިންވަރު ވަނީ 12.7%އިތުރުވެފައެވެ. މިދިޔަ އަހަރު އިނގިރޭސި ކްލަބުތަކުން ހޭދަކުރީ 1.97 ބިލިއަން ޕައުންޑެވެ.
އެހެންކަމުން، ސެޕްޓެންބަރު 1ވަނަ ދުވަހުގެ ނިޔަލަށް، ކުޅުންތެރިން ގަނެ ވިއްކުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވާއިރު، މި އަހަރަކީ ރެކޯޑު އަދަދަކަށް އިނގިރޭސި ލީގުގެ ޓީމުތަކުން ފައިސާ ހޭދަކުރާނެ އަހަރެއްކަމަށް ބެލެވޭކަމަށް މާހިރުން އަންނަނީ ހާމަކުރަމުންނެވެ. އެއް އަހަރެއްގައި އެންމެ ގިނައިން ކުޅުންތެރިން ގަތުމަށް ފައިސާ ހޭދަކޮށްފައި ވަނީ 2023 ވަނަ އަހަރުގެ 'ސަމާރ ޓްރާންފަރ ވިންޑޯ'ގައެވެ. އެ އަހަރު އިނގިރޭސި ކްލަބުތަކުން ވަނީ 2.36 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
އިޓަލީގެ ސީރީ އޭ އާއި ޖަރުމަނު ބުންޑަސް ލީގާ އާއި ފްރާންސްގެ ލީގު-1 އަދި ސްޕެއިންގެ ލަ ލީގާގެ ހުރިހާ ޓީމެއް އެއްކޮށްލުމުން ޚަރަދު ނުކުރާވަރަށް ޕްރިމިއާރ ލީގުގެ ކްލަބުތަކުން ހޭދަކޮށްފައިވާއިރު، ޕްރިމިއަރ ލީގު ޓީމުތަކުން ވަނީ އެ ކްލަބުތަކުގެ ސޭލްސްއަށް ވުރެ އިތުރަށް ބިލިއަނެއްހާ ޕައުންޑު ހޭދަކޮށްފައެވެ.
ކްލަބުގެ އާމްދަނީއަށް ވުރެ އިތުރަށް ދެން ޚަރަދުކޮށްފައި ވަނީ ސްޕެނިޝް ލީގުގެ ޓީމުތަކެވެ. އެ ލީގުގެ ޓީމުތަކުން އިތުރަށް 35 މިލިއަން ޕައުންޑު ހޭދަކޮށްފައިވެއެވެ.
މި އަހަރުގެ "ސަމާރ ޓްރާންފަރ"ގައި ޕްރިމިއާރ ލީގަށް ގެންދިޔަ އެންމެ އަގުބޮޑު ތިން ކުޅުންތެރިންނަކީ، ޖަރުމަނުގެ ބެޔާ ލެވަކޫސެންއިން ޖުމްލަ 116 މިލިއަން ޚަރަދުކޮށްފައި ލިވަޕޫލަށް ގެންދިޔަ ފްލޯރިއަން ވާރޓްސް އާއި ހަމަ އެ ލީގުގެ އެއިންޓްރެޗް ފްރެންކްފާޓުން 79 މިލިއަން ޕައުންޑު ހޭދަކުރުމަށްފަހު ލިވަޕޫލަށް ގެންދިޔަ ހޫގޯ އެކިޓިކޭ އަދި ޖަރުމަނުގެ ލެޕްޒިގްއިން 73.7 މިލިއަން ޕައުންޑު ހޭދަކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑަށް ގެންދިޔަ ބެންޖަމިން ސެސްކޯއެވެ.