ޚަބަރު
ރައީސް މުޢިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ހިމަންދޫ

ރައީސް މުޢިއްޒުބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަަމަ މަންޒިލެއްގެ ގޮތުން ހިމަންދޫއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަޑައިގަންނަވާ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަޑައިގަންނަވާނީ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށެވެ. އަދި މި ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މި މަހުގެ 11 އިން 14 އަށް ބ. އަތޮޅުގެ 13 ރަށަކަށާއި، މިދިޔަ މަހުގެ ފަހުކޮޅު ނ. އަތޮޅުގެ ރަށްތަކަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.