ޚަބަރު
ހިމަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ހިމަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުން.

ފަރުދުން
19 އޯގަސްޓު 2025، 11:52
19 އޯގަސްޓު 2025، 11:52
އ.އ. ހިމަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެމަނިކުފާނާއެކު މިކަމުގައި ބައިވެރިވެވަޑައިގަތީ، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު، އަދި އެމް.ޑަބްލިޔު.އެސް.ސީ. ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދެވެ.
އ.އ. ހިމަންދޫގައި ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. 65.83 މިލިއަން ރުފިޔާގެ މިމަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ފެން ކުންފުނި، އެމް.ޑަބްލިޔު.އެސް.ސީ. އިން، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
ހިމަންދޫގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޡާމުގެ ސަބަބުން، ހަށިގަނޑަށް އެތެރެކުރުމަށް އެކަށޭނަ ބޯފެނާއި، ޒަމާނީ ފެންވަރުގެ ނަރުދަމާގެ ޚިދުމަތް އެރަށުގެ ރައްޔިތުންނަށް ލިބޭނެއެވެ. ހަމައެހެންމެ، ވާރޭފެން ރައްކާކުރާ ތާންގިތަކާއި، ރިވަރސް އޮސްމޯސިސް (އާރް.އޯ.) ޕްލާންޓްތަކާއި، ސޯލަރ ހަކަތަ ބޭނުންކުރާ އިދާރީ ޢިމާރާތަކާއި، ލެބޯރޓަރީއަކާއި، ސިވެރެޖް ޕަމްޕް ސްޓޭޝަން ތަކާއި، ގޭގޭގައި ހަރުކުރެވިފައިވާ ފެން މީޓަރުތަކާއި، ފެނާއި ނަރުދަމާގެ ހޮޅިތަކުގެ ނިޡާމާއި، ނަރުދަމާ ހޮޅިތަށް ކަނޑަށް ބޭރުކުރުމެ ނިޡާމު ވެސް މިމަޝްރޫޢުގެ ތެރޭގައި ހިމެނިގެންވެއެވެ.
President Dr @MMuizzu officially inaugurates the water and sewerage system in AA. Himandhoo today. The project, implemented by @MWSC_Official and commissioned by @MoCImv, provides safe drinking water and modern sewerage services to the community.
— The President's Office (@presidencymv) August 19, 2025
The project includes boreholes,… pic.twitter.com/U5SLH4iAJk
ރައީސުލްޖުމްހޫރިއްޔާ އ.އ. ހިމަންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، އެއަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ތިން ދުވަހުގެ މުއްދަތަކަށް ދެމިގްނެދާ މިދަތުރުފުޅުގައި، އެމަނިކުފާނު ޒިޔާރަތްކުރައްވާފައިވާ ފުރަތަމަ މަންޒިލަކީ ހިމަންދޫއެވެ.
ރައްޔިތުންގެ ގާތަށް ވަޑައިގަތުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކިއެކި ޙިސާބުތަކަށް ރައީސް ގިނަ ދަތުރުފުޅުތަކެއް ކުރައްވައެވެ. އެގޮތުން، މިދިޔަ ހަފުތާފައި ބ. އަތުޅަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި އޭގެ ކުރީން، ނ. އަތޮޅަށް ވަނީ ވަޑައިގެންފައެވެ. މިއެންމެހައި ދަތުރުފުޅުތަކުގައި މުހިންމު މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެވި، މުހިންމު ޚިދުމަތްތަކެއް އިފްތިތާޙުކުރެވިގެން ދިޔައެވެ. މީގެ އިތުރުން، އެރަށްރަށުގެ އިސް މުއައްސަސާތަކާ ރައީސް ބައްދަލުކުރައްވާ، ރައްޔިތުންގެ ޚިޔާލުތަކާއި ޝަކުވާތައް އެމަނިކުފާނު ވަނީ އަޑުއައްސަވާފައެވެ.