ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ހިމަންދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ހިމަންދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލް އިދާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ ނެރުގެ މައްސަލައިގެ އިތުރުން، ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. ހަމަ އެހެންމެ، ކައުންސިލުން ވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފައްޓަވައިދެއްވުމަށާއި، ހެލްތު ސެންޓަރުން ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވައި އެކަންކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިބައްދަލުކުރެއްވުމުގައި ހިމަންދޫ ސުކޫލުގެ ޕުރިންސިޕަލް ވަނީ، އެރަށުގައި ހުންނަ ސްކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި 12 ކްލާސްރޫމްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. ހަމަ އެއާއެކު، ހިމަންދޫގެ އ.ތ.މ ކޮމިޓީއިން ވަނީ އެރަށުގައި ހޭންޑް ބޯޅަ ކުޅޭނެ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.