ދުނިޔެ
"ސްކިބިޑީ" އާ "ޑެލޫލޫ" ކެމްބްރިޖް ޑިކްޝަނަރީއަށް ، 6,000 އައު ބަސް އިތުރުކޮށްފި!

ކެމްބްރިޖް ޑިކްޝަނަރީ
ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޑިކްޝަނަރީ ކަމަށްވާ ކެމްބްރިޖް ޑިކްޝަނަރީއަށް މި އަހަރު 6,000 އަށް ވުރެ ގިނަ އައު ބަސް އިތުރުކޮށްފައިވާއިރު، މީގެ ތެރޭގައި ސޯޝަލް މީޑިއާގެ ސަބަބުން މަގުބޫލުވެފައިވާ "ސްކިބިޑީ" ފަދަ ސްލެންގް ބަސްތައް ހިމެނެއެވެ. މިއީ އިންޓަރނެޓް ކަލްޗަރގެ ސަބަބުން އިނގިރޭސި ބަހަށް އަންނަ ބަދަލުތައް ހާމަކޮށްދޭ ކަމެކެވެ.
ކެމްބްރިޖް ޑިކްޝަނަރީގެ ލެކްސިކަލް ޕްރޮގްރާމް މެނޭޖަރ ކޮލިން މެކިންޓޯޝް ވިދާޅުވީ، "އިންޓަރނެޓް ކަލްޗަރގެ ސަބަބުން އިނގިރޭސި ބަހަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، ޑިކްޝަނަރީގައި މި ބަދަލުތައް ހިމެނުމަކީ ވަރަށްވެސް ޝައުގުވެރި ކަމެއް" ކަމަށެވެ.
"ސްކިބިޑީ" އަކީ އެނިމޭޓެޑް ޔޫޓިއުބް ސީރީޒެއްގެ ފަރާތުން އުފެއްދި މާނައެއް ނެތް ބަހެކެވެ. މި ބަހަކީ "ރަނގަޅު" ނުވަތަ "ނުބައި" މި މާނައިގައި ނުވަތަ ހަމައެކަނި މަޖަލަކަށް ބޭނުންކުރެވޭ ބަހެކެވެ.
އިތުރުކުރެވިފައިވާ އެހެން ބަސްތަކުގެ ތެރޭގައި "ޓްރެޑްވައިފް" ހިމެނެއެވެ. މި ބަހަކީ "ޓްރެޑިޝަނަލް ވައިފް" އަށް ކުރުކޮށް ކިޔާ ނަމެކެވެ. މާނައަކީ ކައްކާ ކާންހަދާ ، ގޭތެރެ ސާފުކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓްކުރާ ގެވެހި މަންމައެކެވެ. އަދި "ޑެލޫލޫ" އަކީ "ޑިލޫޝަނަލް" އަށް ކުރުކޮށް ކިޔާ ނަމެކެވެ. މާނައަކީ، ހަގީގަތާ ހިލާފު ނުވަތަ ތެދު ނޫން ކަންތައްތަކަށް ގަބޫލުކުރުމެވެ.
ކޮވިޑް ބަލިމަޑުކަމަށްފަހު ގެއިން މަސައްކަތްކުރާ މީހުން ގިނަވުމުގެ ސަބަބުން "މައުސް ޖިގްލަރ" މި ބަސްވެސް ޑިކްޝަނަރީއަށް އިތުރުކޮށްފައިވެއެވެ. މިއީ މަސައްކަތް ނުކޮށް އުޅޭއިރުވެސް، މަސައްކަތް ކުރާ ކަމަށް ދެއްކުމަށް ބޭނުންކުރާ ސޮފްޓްވެއަރ ނުވަތަ ޑިވައިސްއެކެވެ. މޫސުމަށް އަންނަ ބަދަލުތަކާމެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން "ފޮރެވަރ ކެމިކަލް" މި ބަސްވެސް އިތުރުކުރެވިފައިވެއެވެ. މިއީ ތިމާވެއްޓަށް ދިގު މުއްދަތަކަށް ނުބައި އަސަރުކުރާ ކެމިކަލެކެވެ.
ކެމްބްރިޖް ޑިކްޝަނަރީން ބުނެފައިވަނީ، އެ ކުންފުނިން ބަސް ބޭނުންކުރާ ގޮތް މޮނިޓަރ ކުރުމަށްޓަކައި، ލިޔެފައިވާ އަދި ބުނެފައިވާ އިނގިރޭސި ބަހުގެ 2 ބިލިއަނަށް ވުރެ ގިނަ ބަސް ހިމެނޭ ޑޭޓާބޭސްއެއް ކަމަށްވާ ކެމްބްރިޖް އިނގިރޭސި ކޯޕަސް ބޭނުންކުރާ ކަމަށެވެ. މި މައުލޫމާތު ބޭނުންކޮށްގެން އާ ބަސްތައް ބޭނުންކުރަނީ ކިހިނެއްކަން، ކިހާ ގިނައިންކަން އަދި ކޮން ހާލަތްތަކެއްގައިކަން ބަލައެވެ.
މެކިންޓޯޝް ވިދާޅުވީ، އަޅުގަނޑުމެން ބަސްތައް ޑިކްޝަނަރީއަށް އިތުރުކުރަނީ، އެ ބަސްތައް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ކަމަށް ގަބޫލުކުރެވޭނަމަ އެކަންޏެވެ.