ކުޅިވަރު
ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު އަނެއްކާ ވެސް ސަލާޙްއަށް، މިއީ ރެކޯޑެއް

ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ތިންވަނަ ފަހަރަށް ސަލާޙް ހޯދުން، ފޮޓޯ: ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ)އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ތިންވަނަ ފަހަރަށް ހޯދައި، މި އެވޯޑު އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފު، ލިވަޕޫލްއަށް ކުޅެމުން އަންނަ އިޖިޕްޓްގެ މުޙައްމަދު ސަލާޙްއަށް ލިބިއްޖެއެވެ.
މި އެވޯޑު މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ތިން ފަހަރަށް ހާސިލްކުރެވިފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ ސީޒަނުގައި ލިވަޕޫލުން ލީގު ކާމިޔާބުކުރިއިރު، އެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ސަލާޙް ދެއްކި މޮޅުކުޅުމާއެކު އޭނާ މިވަނީ މި އެވޯޑު ތިންވަނަ ފަހަރަށް ހޯދާފައެވެ. މި އެވޯޑުގެ އިތުރުން، ޕްރިމިއާރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވި މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ލިބިފައިވަނީ ސަލާޙުއަށެެވެ.
ސަލާޙްއަކީ މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުގެ ރަން ބޫޓު ހޯދި ކުޅުންތެރިޔާ ވެސް މެއެވެ. އޭނާ ވަނީ އެ ސީޒަނުގައި 29 ގޯލު ކާމިޔާބުކޮށް، ގޯލު ޖަހާނެ 18 ފުރުސަތު ތަނަވަސްކޮށްދީފައެވެ.
އަދި މުޅި ސީޒަނުގައި 52 މެޗު ކުޅެފައިވާއިރު، 34 ގޯލާއެކު ގޯލު ޖަހާނެ 23 ފުރުސަތު ވެސް އޭނާގެ ނަމުގައި ރެޖިސްޓަރކޮށްފައި ވެއެވެ.
އެންމެ ފުރަތަމަ ސަލާޙުއަށް ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ، ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވި ސީޒަނުގައެވެ. އެއީ 2017/2018 ވަނަ އަހަރުއެވެ. ދެ ވަނަ ފަހަރަށް އޭނާ މި މަޤާމު ހޯދީ 2021/2022 ސީޒަނުގައެވެ.
މި އެވޯޑު ދެ ފަހަރަށް ހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާރކް ހިއުސް، އަލަން ޝިއެރަރ، ތިއެރީ ހެންރީ، ކްރިސްޓިއާނޯ ރޮނާލްޑޯ، ގެރެތު ބޭލް އަދި ކެވިން ޑި ބްރޫނޭއެވެ.
މި ފަހަރުގެ ޕީއެފްއޭ އެވޯޑްގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ އެވޯޑް ލިބުނީ އެސްޓަން ވިލާގެ މޯގަން ރޮޖާސްއަށެވެ.
ޕީއެފްއޭއިން ހޮވި މިދިޔަ ސީޒަންގެ ޑްރީމް ޓީމުގައި ހިމެނެނީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލްގެ ސަލާޙުގެ އިތުރުން، ވާޖިލް ވެން ޑައިކް، ރަޔާން ގްރަވެންބާޗް އަދި އަލެކްސިސް މެކަލިސްޓާއެވެ. ދެން ހިމެނެނީ އާސެނަލްގެ ވިލިއަމް ސަލީބާ، ގެބްރިއެލް އަދި ޑެކްލަން ރައިސްގެ އިތުރުން، ބޯނެމައުތުގެ މިލޯސް ކާރކޭޒް، ނޮޓިންހަމް ފޮރެސްޓުގެ ގޯލްކީޕަރު މެޓް ސެލްސް އާއި ފޯރވާޑް ކްރިސް ވުޑްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑްގެ އަލެކްސަންޑަ އިސާކްއެވެ.
މީގެ އިތުރުން އިންގިރޭސި ޤައުމީ ޓީމުގެ ކުރީގެ ކޯޗު، ގެރެތު ސައުތުގޭޓަށް ވަނީ މެރިޓް އެވޯޑު ދީފައެވެ.