Ads by Stelco

ޚަބަރު

50 އަހަރަށް ޖާބިރަށް ދިން ކާސާމިއަގެ ބިން މަތިވެރީ ކައުންސިލާއި ހަވާލުކޮށްފި

50 އަހަރަށް ޖާބިރަށް ދިން ކާސާމިއަގެ ބިން މަތިވެރީ ކައުންސިލާއި ހަވާލުކޮށްފި

މަތިވެރީގައި ހުންނަ ކާސާމިއާ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2025، 10:46

20 އޯގަސްޓު 2025، 10:46

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ޖާބިރަށް އއ. މަތިވެރީގެ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިން، މަތިވެރީ ކައުންސިލާ ހަވާލުކޮށްފިއެވެ. 

މި ބިން ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ކާސާމިއާގެ ނަމުގައި 50 ކޮޓަރީގެ ގެސްޓްހައުސްއެއް ހިންގަމުންދާ މި ބިން ކައުންސިލާ ހަވާލުކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. 

އަދި ކައުންސިލުގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް އަޙްމަދު އަޞްލަމްއެވެ.

މި ބިމަކީ ޢަބްދުﷲ ޖާބިރަށް ފުރަތަމަ 10 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވުނު ބިމެކެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އިޖުރާއަތްތަކާ ޚިލާފަށް އަކަފޫޓަކަށް 5 ރުފިޔާގެ މަގުން 50 އަހަރު ދުވަހުގެ މުއްދަތަކަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފައެވެ. މި ކަމުގެ ސަބަބުން ރަށު ކައުންސިލަށް ވަނީ ގިނަ އަދަދެއްގެ ފައިސާގެ ގެއްލުން ލިބިފައެވެ.

ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާގޮތުގައި، ކަރަންޓު ބިލާއި ކުލި ނުދައްކާ އޮތުމުގެ ސަބަބުން ދައުލަތަށް 94 މިލިޔަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބިން މަތިވެރީގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ޓޫރިޒަމް ޒޯންގެ ބިމުގެ ފުރިހަމަ ބޭނުން ރައްޔިތުން ހިފާނެކަމަށް އުއްމީދުކުރައްވާ ކަމަށާއި، ސަރުކާރުގެ ފަރާތުން އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން