ޚަބަރު
ރައީސް މުއިއްޒު ބޮޑުފޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު ބޮޑުފޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ އެކި މައްސަލަތަކާއި ރައްޔިތުންގެ އެންމެ މުހިންމު ބޭނުންތައް ފާހަގަކޮށްފައެވެ. މިގޮތުން ކައުންސިލުން ވަނީ ބޯހިޔާވަހިކަމުގެ އާ މަޝްރޫޢެއްގެ މުހިންމުކަމާއި، ރަށުގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
މިބައްދަލުވުމުގައި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންތައްތަކުގެ ތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ރަށަށް ތަޢާރަފުކުރުމާއި، ރައްޔިތުން ދަތުރުފަތުރު ކުރުމަށް ވަކި ރަށެއް ކަނޑައެޅުން ހިމެނެއެވެ. އަދި ރަށު ސްކޫލަށް މަލްޓި ޕަރޕަސް ހޯލެއް ބޭނުންވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި، އެކްސްރޭގެ ޚިދުމަތާއެކު 16 ގަޑިއިރު ޚިދުމަތްދެވޭ ފެންވަރަށް ޞިއްޙީ މަރުކަޒު ތަރައްޤީކޮށްދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ވެސް ރައީސް މުޢިއްޒު ވަނީ ޙިއްޞާކުރައްވާފައެވެ.