ޚަބަރު
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު އަނބުރާ މަޖިލީހަށް

ތެލަސީމިއާ ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން---

ފަރުދުން
20 އޯގަސްޓު 2025، 10:57
20 އޯގަސްޓު 2025، 10:57
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި މެދު އަލުން ވިސްނާ ވަޑައިގެންނެވުމަށް އެދި، އެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
މި ބިލަކީ، 6 އޮގަސްޓް 2025 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީ، ނިންމެވި ނިންމެވުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ.
އެހެންކަމުން، މި ބިލު އިސްލާޙްކުރުމަށް އެ މަނިކުފާނު ނިންމެވީ، ތެލަސީމިއާ ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި، ޤާނޫނުގައި ބަޔާންކުރާ މަޤުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިޞްލާޙު ގެންނަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ ފޮނުއްވެވީ، ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މަނިކުފާނަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.