ޚަބަރު
ރައީސްގެ އަރިއުތުރު ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

ރައީސް އުކުޅަހަށް ވަޑައިގަތުން
އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ މިދަތުރުފުޅުގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫއަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަނީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ތަޢާރަފުކުރައްވާފައެވެ. އަދި މާޅޮސް، ހިމަންދޫ، ފެހެންދޫ އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީކޮށް ފައްޓަވާފައެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ ބައެއް މުހިންމު އިޢުލާންތައް ކުރައްވާފައެވެ. އޭގެ ތެރޭގައި މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމާއި، މަތިވެރީގައި ތަރައްޤީކުރާ އެއާޕޯޓަކީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެ އެއާޕޯޓަކަށް ހެއްދެވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވިއެވެ. އަދި މަޑިވަރު ފިނޮޅު ހިމާޔަތްކޮށް ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަށް ތަރައްޤީކުރައްވާނެކަމަށްވެސް ވަނީ އިޢުލާންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ސިޔާސަތުގެ ދަށުން ކުރައްވާފައިވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަނީ 2025 އަދި 2026 ވަނަ އަހަރަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.