ރިޕޯޓް
މަތިވެރި އެއާރޕޯޓާއެކު އއ. އަތޮޅުގައި ރަށު ފަތުރުވެރިކަން ފުޅާ ކުރުވޭނެ ގިނަ މަގުތަކެއް ކޮށައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ސީޕްލޭނެއްގައި އއ. ހިމަންދޫއަށް ވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންނާއި ގާތުން މަސައްކަތްކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މި ހަފްތާގައި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާ ކުރުވޭނެ ގިނަ މަގުތަކެއް ކޮށައިދެއްވައިފިއެވެ. އެގޮތުން، އެ އަތޮޅުގެ ރައްޔިތުންނަށާއި، އަތޮޅުގައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ކުރައްވަމުން ގެންދަވާ ފަރާތްތަކަށާއި އަދި އެ އަތޮޅުގައި އެފަދަ ވިޔަފާރިތައް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބޭނުންވާނެ ބައެއް ކަންކަން މި ދަތުރުފުޅުގެ ތެރެއިން ފަހިކޮށްދީފައިވާއިރު، އަނެއްބައިކަންކަން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ. އެއީ ފަތުރުވެރިކަމުން އާމްދަނީ އިތުރުކޮށް، ރަށްރަށުގެ މާޙައުލު އެ ސިނާއަތަށް އެންމެ އެކަށޭނެ ގޮތަށް އަތުރާލުމުގައި ސަރުކާރުން ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަމެވެ.
ރަށު ފަތުރުވެރިކަމުގެ އިތުރުން، މި މިމަހުގެ 19 ވަނަ ދުވަހު އެ އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވެވި ދަތުރުފުޅުގައި ވަނީ، އުމްރާނީ، ތަޢުލީމީ، އިޤުތިޞާދީ، އިޖުތިމާޢި އަދި ކުޅިވަރުގެ ރޮނގުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވާދެއްވާފައެވެ. މީގެ އިތުރުން، ގިނަ މަޝްރޫޢުތަކެއް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވާއިރު، މި އަހަރުގެ ބާކީ އޮތް ބަޔާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށްރަށުގައި ހިންގެވުމަށް ގަސްތުކުރައްވާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ އަދާހަމަ މަޢުލޫމާތު ވަނީ ޙިއްސާކުރައްވާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖުމްލަ 14 މަޝްރޫޢުއެއް އިފްތިތާޙު ކުރެއްވިއިރު، 13 މަޝްރޫޢެއް ވަނީ ރަސްމީކޮށް ފައްޓަވާ ދެއްވާފައެވެ. އަދި އެކި ދާއިރާތަކުން ކޮންޓްރެކްޓަރުންނާއި ވަނީ 14 މަޝްރޫޢެއް ހަވާލުކޮށްފައެވެ. މީގެ އިތުރުން 60 މަޝްރޫއަކާ ގުޅޭ ވާއުދުފުޅުތަކެއް އެ މަނިކުފާނު ވަނީ ވެވަޑައިގެންފައެވެ. އޭގެތެރޭގައި، އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ބައެއް ވަޢުދުފުޅުތައް ވެސް ހިމެނޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅުގެ ރައްޔިތުންނަށް ދެއްވި އެންމެ އުފާވެރި ޚަބަރަކީ، މަތިވެރީގައި ޤާއިމްކުރާ އެއާރޕޯޓު ޚަބަރެވެ. މި އެއާރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ. ރައީސް ވިދާޅުވީ އެމްއޭސިއެލްއިން މި މަޝްރޫޢު ކުރިޔަށް ގެންދާނީ އަމިއްލައަށް އިންވެސްޓްކޮށްގެން ކަމަށެވެ.
މި މަޝްރޫޢުގައި ހިމެނެނީ 1500 މީޓަރުގެ ދިގުމިނުގެ އަދި 30 މީޓަރުގެ ފުޅާމިނުގެ ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭ އާއި އޭޕްރަން ތަރައްޤީކުރުމާއި، ފަސިންޖަރުންގެ ގިމަތަ އާއި އަލިފާނުގެ ރައްކާތެރިކަމާ ބެހޭ މަރުކަޒުގެ އިތުރުން، އެއާރޕޯޓުގެ މަގުތައް ތަރައްޤީކުރުމެވެ.
އއ. އަތޮޅުގެ ގިނަ ރަށްރަށް، ރަށު ފަތުރުވެރިކަމުގައި ކުރިއަރައި ގޮސްފައިވާއިރު، މިކަން އިތުރަށް ފުރިހަމަކުރެއްވުމަށް، އެ މަނިކުފާނު ވަނީ އިތުރު މަގުތަކެއް ވެސް ކޮށައިދެއްވާފައެވެ. އެގޮތުން އއ. މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި، ފެރިދޫއަށް ޚާއްޞަ ޕިކްނިކް އައިލެންޑު އެ ފަޅުގައި ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމާއި، އއ. މަތިވެރި ޓުއަރިޒަމް ވިލެޖުން 50 އަހަރަށް ދޫކޮށްފައިވާ ބިން އަނބުރާ މަތިވެރި ކައުންސިލާ ހަވާލުކުރުމާއި، އއ. ބޮޑުފޮޅުދޫގެ ރައްޔިތުން އިޤުތިޞާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ރޮނގުން ނަފާ ހޯދުމުގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ދިއްގާފަރު ފަޅު ތަރައްޤީ ކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވުމާއި، އއ. ތޮއްޑޫއަށް ޝެޑިއުލް ސީޕްލޭން ދަތުރުތައް މިއަންނަ އަހަރުގެ ފެބުރުވަރީގައި ފެށުމާއި، މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ އއ. ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭ ތަނަކަށް އެ ފިނޮޅު ހަދައިދިނުމާއި އަދި އއ. ރަސްދޫއިން ޓުއަރިޒަމްގެ ބޭނުމަށް ބޭނުންކުރެވިދާނެ ރަނގަޅު ބިމަކުން ޕޮލިސް ސްޓޭޝަނަށް ނަގާފައި އޮތް ބިމުގެ 10،000 އަކަފޫޓު ވަކިކޮށް، ކައުންސިލާ އެ ބިން ހަވާލުކުރުން ހިމެނެއެވެ.
މިކަންތައްތަކުގެ ތެރެއިން، މި ދާއިރާއިން މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވި އުފާވެރި ޚަބަރަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކުން އެއް ރަށް ނެގުމަށްފަހު، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން އެ ރަށް ތަރައްޤީ ކުރުމަށް ނިންމަވާފައިވާކަން އިޢުލާންކުރެއްވުމެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަނިކުފާނުގެ މި ނިންމެވުމަކީ، ޕިކްނިކްދާނެ ރަށްތައް ނެތުމުން އެކަމުގެ ޝަކުވާ ހުރިހާ ދިމާލަކުންހެން ލިބެމުން ދާތީ، އެ މައްސަލަ ޙައްލުކުރުމަށާއި، ރަށުފަތުރުވެރިކަން ފުޅާ ކުރުމަށް ނިންމެވިނިންމެވުމެއް ކަމަށެވެ.
ފަތުރުވެރިކަމާއި ގުޅިފައި އޮތް އަނެއް ކަމަކީ، ރަށްރަށުގެ މަގުތައް ތަރައްޤީ ކުރުމުގައި އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަކަށް، ފަތުރުވެރިކަމަށް ފައްކާވާނެ ގޮތަށް އެ ރަށެއްގައި މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދެވޭނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައިވުމެވެ. އެގޮތުން ފެން ހިނދޭނެ ނިޒާމަކާއެކު ވެލި މަގުތައް ތަރައްޤީ ކުރުމާއި، ގާ ޖެހުން ނުވަތަ ތާރު އެޅުމަކީ އެ ރަށެއްގެ ރައްޔިތުންގެ އަތްމަތީގައި އޮތް ނިންމުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ އިތުރުން، ޚާއްޞަކޮށް އަންހެނުވެރިންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދީ ފުޅާކޮށްދެއްވުމަށް، މިއަންނަ އަހަރުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނިޝިއޭޓިވްއެއްގެ ގޮތުގައި ހިމަނައިގެން، ބޭނުންވާ ހުރިހާ ރަށެއްގައި ހޭންޑްބޯލް ކޯޓެއް އެޅުމުގެ މަސައްކަތް ކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ މަޝްރޫޢު ގެންދަވާނީ، ކުރިޔަށް އޮތް ދެ އަހަރަށް ބަހާލައިގެން ކަމުގައި ވިދާޅުވިއެވެ. ނަމަވެސް، ބައެއް ހޭންޑްބޯލް ކޯޓުތަކުގެ އަމަލީ މަސައްކަތް އއ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެއްޓެވިއިރު، ބާކީ ހުރި ރަށްރަށުގައި އެ މަސައްކަތް މިއަންނަ އަހަރު ފައްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އަދި ފަތުރުވެރިކަމާއެކީ، އއ. އަތޮޅުގެ ރަށްރަށުގައި ބޭރު ފައިސާގެ މުޢާމަލާތްތައް އިތުރުވެފައި ވާތީ އެ އަތޮޅުގެ ދެ ރަށެއްގައި އެމެރިކާ ޑޮލަރުން މުޢާމަލާތް ކުރެވޭ ދެ އޭޓީއެމްގެ ޙިދުމަތް ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފެއްޓެވިއެވެ. އެގޮތުން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފެށީ ތޮއްޑޫ އާއި އުކުޅަހުގައެވެ. އަދި ބޭންކިންގެ ޚިދުމަތް ފުޅާކުރުމަށް އުކުޅަހުގައި ބޭންކުގެ ބްރާންޗެއް ހުޅުވިއިރު، ތޮއްޑޫގައި ވަނީ ބޭންކުގެ ބްރާންޗެއް އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައެވެ. ހަމައެއާއެކު، ރާއްޖޭގެ ހުރިހާ ރަށަކުން އޭޓީއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރާއި ބީއެމްއެލްއިން ގުޅިގެން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން، މާޅޮހުގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާފައެވެ.
މީގެއިތުރުން، އެ ރަށެއްގެ ނިސްބަތުން އެ ރަށަކަށް އެކަށޭނަ ޚިދުމަތްތަކާއެކު ސިއްޙީ ޚިދުމަތް ޤާއިމްކުރުމަށް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އއ. އަތޮޅުގައި ރަށު ފަތުރުވެރިކަން ފުޅާވެގެން އަންނައިރު، އެ ކަމާ ގުޅިގެން ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ވެސް ރަގަޅުވާން ޖެހޭނެ ކަމުގައެވެ. އެހެންކަމުން ހެލްތު ސެންޓަރުތަކުގައި ލެބޯޓްރީތައް ޤާއިމްކުރުމަށާއި، ނަރުހުން ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވާދެއްވާފައިވާއިރު، މާޅޮހާއި، ފެރިދޫ އާއި މަތިވެރީގައި ލެބޯޓްރީ ތަރައްޤީ ކުރުމާއި، ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމާއި، އެ ރަށު ސިއްޙީ މަރުކަޒަށް ސްޕެޝަލިސްޓުން ހަމަޖެއްސުމާއި، ބޮޑުފޮޅުދޫ ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅުތައް ހިމެނެއެވެ. އަދި އއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޚިދުމަތް ފެށުމާއި، ތޮއްޑޫގައި 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ ވަޢުދާއެކު، އެ އަތޮޅުގެ ސިއްޙީ މަރުކަޒުތަކުގެ ޚިދުމަތް ކުރިޔަށް އޮތްތާ ރަގަޅުވާނެކަމުގެ ޔަޤީންކަން މިވަނީ ލިބިގެން ގޮސްފައެވެ.
މި ދަތުރުފުޅުގައި ތަޢުލީމީ ދާއިރާއިން އުމްރާނީ ވަސީލަތް ތަރައްޤީ ކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް ވެސް ކުރެވިގެން ގޮސްފައިވެއެވެ. އެގޮތުން ކްލާސްރޫމްތަކާއި ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތް ތަރައްޤީ ކުރެއްވުމަށް ފައްޓަވާފައި ހުރި މަސައްކަތްތައް ނިންމުމާއި، އާ މަޝްރޫޢުތައް ފެއްޓެވުމާއި އަދި މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު މަސައްކަތްތައް ކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށް މަސައްކަތް ކުރައްވާނެ އިތުރު ދާއިރާތަކެއްވެސް މި ދަތުރުފުޅުގައި ހާމަކުރައްވާފައެވެ. އެގޮތުން، އަތޮޅު ކައުންސިލްތައް އުވައިލުމާއި، ރަށު އާބާދީއަށް ބަލައި ކައުންސިލަރުންގެ އަދަދަށް ބަދަލުގެނައުން ހިމެނެއެވެ. މި މަޢޫޟޫއަށް ވާހަކަފުޅު ދައްކަވަމުން މަތިވެރީގައި އެ މަނިކުފާނު ވިދާޅުވީ، ކައުންސިލަކުން ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް ކޮށްދިނުމަށް ސަރުކާރުން ހުރަސް ނާޅާނެކަމަށާއި، ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކަކީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ގެންނެވި އިޞްލާޙުތަކެއް ކަމުގައެވެ. އަދި މި މަޤުސަދު ހާސިލްކުރުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެ ޤާނޫނަށް އިޞްލާޙުތައް ގެންނަވާނެ ކަމަށެވެ.
އެގޮތުން، ލާމަރުކަޒީ ޤާނޫނަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އިތުރު އިސްލާޙުތަކުގެ ތެރޭގައި ހިމެނެނީ، ދެހާހަށް ވުރެ މަދު އާބާދީތަކަށް 3 ކައުންސިލަރުން، އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި 5 ކައުންސިލަރުންނަށް ހެދުމާއި، ދެހާހަށް ވުރެ މަދު އާބާދީތަކުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 3 މެންބަރުން، އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި 5 މެންބަރުންނަށް ހެދުމާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ވަނީ ރަށުގެ ރައްޔިތުންގެ ވޯޓަކުން ހޮވާ، އަދި ފުލް ޓައިމް ވަޒީފާއެއް އަދާކުރާ ފަރާތަކަށް ހެދުމެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ މަސައްކަތް ޤާނޫނީ އިސްލާހުތަކުގެ ތެރެއިން ކުރިޔަށް ގެންދަވަން ނިންމަވާފައިވާކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ހިމެނޭނެކަމަށް ފާހަގަކުރައްވާފައިވެއެވެ.
މަޝްރޫޢުތަކާއި ވަޢުދުފުޅުތަކުން، ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ޚުލާސާ:
އއ. ހިމަންދޫ
- އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވާދެއްވުން
- އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުން
- އއ. ހިމަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން
އއ. ހިމަންދޫގެ ތަރައްޤީއާ ގުޅިފައިވާ ވަޢުދުފުޅުތައް:
- އއ. ހިމަންދޫގައި ފެށުމަށްފަހު ނުނިމި ހުރި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މި ހިނގާ ދިރާސީ އަހަރުގައި ނިންމާ، ދެން އަންނަ ދިރާސީ އަހަރެއްގައި އެ ތަން ބޭނުންކުރަން ފެށޭވަރުކުރުން
- އއ. ހިމަންދޫ ސިއްޙީ މަރުކަޒުގެ ލެބޯޓްރީ އަޕްގްރޭޑު ކުރުމުގެ މަސައްކަތް މިއަންނަ އަހަރު ކުރުން
- އއ. ހިމަންދޫ ސިއްޙީ މަރުކަޒަށް އެކަށޭނަ މިންވަރަށް މުވައްޒަފުން ހޯދުމުގެ ޙުއްދަ ދިނުން
- އއ. ހިމަންދޫގައި އިމާރާތް ކުރަމުންދާ މިސްކިތް މި އަހަރު ނިމުމުގެ ކުރިން ނިންމާ ބޭނުންކުރެވޭވަރު ކުރުން
- އއ. ހިމަންދޫގެ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުން
- އއ. ހިމަންދޫ ބަނދަރު ނެރުގެ މައްސަލަ ޙައްލުކޮށްދިނުން
- އއ. ހިމަންދޫ ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓު ހަރުކުރުން
- އއ. ހިމަންދޫގައި އައުޓްޑޯރ ޖިމްއެއް ޤާއިމްކުރުން
- މަސައްކަތް ފެށުމަށްފަހު ނުނިމި ހުރި ފިޓްނަސް ރެކްރިއޭޝަން ސެންޓަރު ނިންމުން
- އއ. ހިމަންދޫގައި ހޭންޑް ބޯލް ކޯޓެއް އެޅުމުގެ މަސައްކަތް މި ހަފްތާގައި ހަވާލުކުރުން
- އއ. ހިމަންދޫ މަގު ހެދުމުގެ މަޝްރޫޢު މި އަހަރު ފެށުން
- މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން
އއ. މާޅޮސް
- އއ. މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުން
- އއ. މާޅޮހުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުން
- އއ. މާޅޮހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން
- އއ. މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
އއ. މާޅޮހުގެ ތަރައްޤީއާ ގުޅިފައިވާ ވަޢުދުފުޅުތައް:
- އއ. މާޅޮހުގެ ސްކޫލްގެ މަޝްރޫޢު، މަލްޓި ޕާޕަސް ހޯލާއި، ސައިންސް ލެބާއި، 4 ކްލާސް ރޫމްގެ މަސައްކަތް މި މަހު ފެށުން
- ލެބޯޓްރީ ހިމެނޭހެން ސިއްޙީ މަރުކަޒުގެ މެޑިކަލް ބޭނުންތަކަށް މުޅިން އާ އިމާރާތެއް ތަރައްޤީ ކުރުމަށް މަސައްކަތް ފެށުން
- އއ. މާޅޮހުގެ ފުޓުބޯޅަ ދަނޑުގެ ޓާރފް އެޅުމާއި ލައިޓު ހަރުކުރުމުގެ މަސައްކަތް ކުރުން
- އއ. މާޅޮހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ލޯކަލް ޓުއަރިޒަމަށް ޙާއްސަ ގޮނޑުދޮށްތަކެއް ހެދުމުގެ މަސައްކަތް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދިއުން
- މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހޭންޑް ބޯލް ކޯޓެއް ތަރައްޤީކުރުން
އއ. ފެރިދޫ
- އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުން
- އއ. ފެރިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން
- އއ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލާއި ޢުމްރާނީ ވަސީލަތް ތަރައްޤީ ކުރުމުގެ މަސައްކަތް އެފްޑީސީއާ ހަވާލުކުރުން. މި މަޝްރޫޢުގައި ކްލާސް ރޫމް، ސައިންސް ލެބް، ކޮމްޕިއުޓަރ ލެބް، ސްޓާފް ރޫމް، ލައިބްރަރީ، ސެން ކްލާސް ޤާއިމްކުރުމުގެ އިތުރުން ވަށާފާރު ރޭނުން ވެސް ހިމެނޭ.
- އއ. ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުން
- އއ. ފެރިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއައެކު ސޮއިކުރުން
- އއ. މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ފެރިދޫއަށް ޚާއްޞަ ޕިކްނިކް އައިލެންޑު އެ ފަޅުގައި ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުން
އއ. ފެރިދޫގެ ތަރައްޤީއާ ގުޅިފައިވާ ވަޢުދުފުޅުތައް:
- އއ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލާއި ޢުމްރާނީ ވަސީލަތް ތަރައްޤީ ކުރުމުގެ މަސައްކަތް ގިނަ ވެގެން ތިން މަސް ދުވަސް ތެރޭގައި ފެށުން
- އއ. އަތޮޅު މަދަރުސާއަށް ދާއިމީ ޕްރިންސިޕަލެއް ހޯދުމާއި މަދުވާ ޓީޗަރުން ހޯދައި އެ މައްސަލަތައް ޙައްލުކޮށްދިނުން
- އއ. ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ ތެރެއިން ރަގަޅު ފެންވަރެއްގެ ލެބޯޓްރީ ޚިދުމަތް ޤާއިމްކުރާނަން
- އއ. ފެރިދޫ ސިއްޙީ މަރުކަޒުގައި ޤާއިމްވެ ތިބޭގޮތަށް ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދުން
- އއ. ފެރިދޫ ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ނަރުހުންގެ ދަތިކަން ޙައްލުކުރުން
- އއ. ފެރިދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މި އަހަރު ފެށުން
- އއ. ފެރިދޫގެ ބަނދަރު ނެރުގެ މައްސަލަ ޙައްލުކުރުން
- އއ. ފެރިދޫގައި ފަށާފައި އޮތް ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމުން
- އއ. ފެރިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުން
- އއ. ފެރިދޫގައި އައުޓްޑޯރ ޖިމްއެއް ޤާއިމްކުރުން
- އއ. ފެރިދޫގައި ސަރުކާރުން އަޅަން ބޭނުންވާ މިސްކިތް ރައްޔިތުން އަޅަން ބޭނުންވާ ތަނަކަށް ބަދަލުކޮށް މި އަހަރު މަސައްކަތް ފެށުން
- އއ. ފެރިދޫގައި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރުގެ ޚިދުމަތް އަވަހަށް ފެށުމުގެ ކަންކަން ހަމަޖެއްސުން
- ފުލުހުންގެ މަރުކަޒު ޤާއިމް ކުރެވެންދެން މަޑުނުކޮށް ވަގުތީ ގޮތުން ފުލުހުންގެ ޚިދުމަތް ފެށުން
އއ. މަތިވެރި
- އއ. މަތިވެރި ޓުއަރިޒަމް ވިލެޖުން 50 އަހަރަށް ދޫކޮށްފައިވާ ބިން، އަނބުރާ މަތިވެރި ކައުންސިލާ ހަވާލުކުރުން
- އއ. މަތިވެރީގެ އެއާރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފެށުން
- އއ. މަތިވެރި ވޭސްޓް މެނޭޖްމެންޓު ސެންޓަރުގެ ބިންގާ އެޅުން
- އއ. މަތިވެރި އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޓުކުރުމަށް ހަވާލުކުރެވޭ އެއްބަސްވުމުގައި ސޮއިކުރުން
އއ. މަތިވެރީގެ ތަރައްޤީއާ ގުޅިފައިވާ ވަޢުދުފުޅުތައް:
- އއ. މަތިވެރި ސްކޫލްގެ އިމާރާތް އަންނަ ދީރާސީ އަހަރު ބޭނުން ކުރެވޭ ވަރަށް ނިންމުން
- އއ. މަތިވެރި ސިއްޙީ މަރުކަޒުން މިހާރު ފަށާފައިވާ މަސައްކަތްތައް ނިންމޭނެ ގޮތެއް ހޯދާ އެކަން ކުރުން.
- އއ. މަތިވެރީގައި ފުރިހަމަ ލެބޯޓްރީ ޚިދުމަތާއެކު، ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުން.
- އއ. މަތިވެރި ސިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން މިހާރަށް މިހާރަށް ހޯދުމަށް ބޭނުންވާ ޙުއްދައެއް އޮތިއްޔާ އެކަން ކުރުން
- އއ. މަތިވެރީގައި 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށުން
- އއ. މަތިވެރީގައި ހޭންޑް ބޯލް ކޯޓެއް ޤާއިމްކުރުމަށް ކުރިއަށް އޮތް ދެ މަސް ތެރޭގައި ހަވާލުކުރުން
- އއ. މަތިވެރި އައުޓްޑޯރ ޖިމްއެއް ޤާއިމްކުރުން
- މިއަންނަ އަހަރު މަތިވެރީގެ ރައްޔިތުން ބޭނުންވާ ގޮތަށް މަގު ހެދުމުގެ މަޝްރޫޢު ފެށުން
އއ. ބޮޑުފޮޅުދޫ
- އއ. ބޮޑުފޮޅުޅޫ ހޭންޑްބޯލް ކޯޓުގެ ބިންގާ އެޅުން
- އއ. ބޮޑުފޮޅުދޫ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލާއި ޢުމްރާނީ ވަސީލަތް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކުރުން
އއ. ބޮޑިފޮޅުދޫގެ ތަރައްޤީއާ ގުޅިފައިވާ ވަޢުދުފުޅުތައް:
- އއ. ބޮޑުފޮޅުދޫ ފުޓުބޯޅަ ދަނޑުގައި ލައިޓު ޖަހާ ރޭގަނޑު ކުޅެވޭ ގޮތް ހެދުން
- މިއަންނަ އަހަރު ބަޖެޓުގަ ހިމަނައިގެން އާ ފުޓްސަލް ދަނޑެއް އެޅުން
- އއ. ބޮޑުފޮޅުދޫގައި ޤާއިމްކޮށްފައިހުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ބޭނުންކުރެވޭ ހާލަތަށް ގެނައުން
- ސްޕޯޓްސް ކައުންސިލަރެއް ރަށަށް ހަމަޖެއްސުން
- މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 50 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުން
- އއ. ބޮޑުފޮޅުދޫ ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުން
- އިޤުތިސާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ރޮނގުން ނަފާ ހޯދުމުގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ދިއްގާފަރު ފަޅު ތަރައްޤީ ކުރުމަށް ސަރުކާރުން އެއްބާރުލުން ދިނުން
އއ. ތޮއްޑޫ
- އއ. ތޮއްޑޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުން
- އއ. ތޮއްޑޫގައި ޑޮލަރުން މުޢާމަލާތް ކުރެވޭ އޭޓީއެމްއެއްގެ ޚިދުމަތް ފެށުން
- އއ. ތޮއްޑޫގައި ބީއެމްއެލް ބަރާންޗެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުން
- އއ. ތޮއްޑޫ ފުލުހުންގެ މަރުކަޒު އެޅުމުގެ ޢަމަލީ މަސައްކަތް ފެށުން
- އއ. ތޮއްޑޫ ކައުންސިލް އިމާރާތް ބިނާކުރުމުގެ މަސައްކަތް ފެށުން
- އއ. ތޮއްޑޫގައި ތިން ކޯޓުގެ އިންޑޯރ ބެޑްމިންޓަން ހޯލެއް ބިނާކުރުމުގެ މަސައްކަތް ފެށުން
- އއ. ތޮއްޑޫ ދެކުނު ފަރާތުގައި ފަލަން ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
- އއ. ތޮއްޑޫ ސްކޫލްގެ ޢުމްރާނީ ވަސީލަތް ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން
އއ. ތޮއްޑޫގެ ތަރައްޤީއާ ގުޅިފައިވާ ވަޢުދުފުޅުތައް:
- އއ. ތޮއްޑޫގެ ސިއްޙީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން
- އއ. ތޮއްޑޫ ރައްޔިތުން ބޭނުންވާ ގޮތަށް ގާ ޖަހައިގެން ތޮއްޑޫގެ މަގުހެދުމުގެ މަޝްރުޢު ކުރިޔަށް ގެންދިއުން
- އއ. ތޮއްޑޫ ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓު ހަރުކުރުން
- އއ. ތޮއްޑޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުން
- އއ. ތޮއްޑޫގައި އައުޓް ޑޯރ ޖިމް ޤާއިމްކުރުން
- އެމްއެންޔޫގައި ފެކަލްޓީ އޮތް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސްގެ މަޝްރޫޢު އަވަހަށް ފެށުން
- އއ. ތޮއްޑޫއަށް ޝެޑިއުލް ސީޕްލޭން ދަތުރުތައް މިއަންނަ އަހަރުގެ ފެބުރުވަރީގައި ފެށުން
- އއ. ތޮއްޑޫގައި ހޭންޑް ބޯލް ކޯޓެއް ޤާއިމްކުރުން
އއ. ރަސްދޫ
- އއ. ރަސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުން
- އއ. ރަސްދޫގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން
- އއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް އިފްތިތާޙުކުރުން
- އއ. ރަސްދޫގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ފެށުން
- އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުން
- އއ. ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާއެކު ސޮއިކުރުން
- އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އުމްރާނީ ވަސީލަތް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުން
- އއ. ރަސްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްދުމުގައި އާރުޑީސީއާއެކު ސޮއިކުރުން
އއ. ރަސްދޫގެ ތަރައްޤީއާ ގުޅިފައިވާ ވަޢުދުފުޅުތައް:
- އއ. ރަސްދޫއިން އާމްދަނީ ހޯދުމަށް ބޭނުންކުރެވިދާނެ ރަނގަޅު ބިމަކުން ޕޮލިސް ސްޓޭޝަނަށް ނަގާފައި އޮތް ބިމުގެ 10،000 އަކަފޫޓު ވަކިކޮށް، ކައުންސިލާ ހަވާލުކުރުން
- އއ. ރަސްދޫގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ޙައްލުވާގޮތަށް އެ މަސައްކަތް ކުރިޔަށް ގެންދިއުން
- މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭ ތަނަކަށް ހަދައިދިނުން
- ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރަސްދޫ ފަޅުން އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި 200 ހެކްޓަރުގެ އިތުރުން، އިތުރު ބިން ހިއްކުމުގެ މަޝްރޫޢެއް ފެށުން
- ބިން ހަމަޖެހުނުހާ އަވަހަކަށް މިސްކިތް އެޅުމުގެ މަސައްކަތް ފެށުން
އއ. އުކުޅަސް
- އއ. އުކުޅަހުގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރުން
- ބޭންކު އޮފް މޯލްޑިވްސްގެ އުކުޅަސް ބްރާންޗު ހުޅުވުން
- އއ. އުކުޅަހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން
- އއ. އުކުޅަސް ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުން
- އއ. އުކުޅަހު ސްކޫލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް އެފްޑީސީއާ ހަވާލުކުރުން
- އއ. އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމްކުރުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާއެކު ސޮއިކުރުން. މިއީ ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް، ޗޭންޖިން ރޫމްތަކާއެކު ކުޅިބެލުންތެރިންނަށް ވެސް ތިބެވޭ ގޮތަށް ހަދާ ކޮމްޕްލެކްސްއެއް
އއ. އުކުޅަހުގެ ތަރައްޤީއާ ގުޅިފައިވާ ވަޢުދުފުޅުތައް:
- ދެވަނަ ފިޔަވަސެއްގެ ގޮތުން މަގު ހެދުމުގެ އިތުރު މަޝްރޫޢެއް ކުރިޔަށް ގެންދިއުން
- ލޯކަލް ޓުއަރިޒަމަށް ޙާއްސަކޮށްފައިވާ ބިންތަކުން ގޯތިދޭ ގޮތަށް ބަދަލުކޮށް ޖުމްލަ 250 ގޯތި ދެވޭވަރަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކުރުން
- އއ. އުކުޅަހުން 250 ގޯތި ދޫކުރުމުގެ ޙުއްދަ މިއަންނަ ހަފްތާގައި ކައުންސިލަށް ދިނުން
- އއ. އުކުޅަހުން 50 ހައުސިން ޔުނިޓުގެ މަޝްރޫޢެއް މި އަހަރު ބަޔަކާ ހަވާލުކުރުން
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި ސަރުކާރުން ގުޅިގެން ކުރަނީ އެ މަނިކުފާނުވެވަޑައިގެނެވި ވީ ހުރިހާ ވަޢުދުފުޅެއް ފުއްދުމުގެ މަސައްކަތްކަމަށާއި، އިރާދަކުރެއްވިއްޔާ އެ ހުރިހާ ވަޢުދެއް ސަރުކާރުން ފުއްދަވާނެކަމަށެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެކެވެ.