Ads by Stelco

ޚަބަރު

ތާވަލުކުރެވިފައިވާ ވަޤުތުގެ ކުރިން ކަރަންޓު ފޯރުކޮށްދެވުނީ މުވައްޒަފުންގެ ޤާބިލުކަމުން: ފަހުމީ

ތާވަލުކުރެވިފައިވާ ވަޤުތުގެ ކުރިން ކަރަންޓު ފޯރުކޮށްދެވުނީ މުވައްޒަފުންގެ ޤާބިލުކަމުން: ފަހުމީ

ސްޓެލްކޯ ގެ ޓީމް.

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 11:34

23 އޯގަސްޓު 2025، 11:34

ހުޅުމާލޭ އިންޖީނުގެ ނިއްވާލައިގެން ކުރިއަށް ގެންދިޔަ މެއިންޓަނަންސް މަސައްކަތް ތާވަލުކުރެވިފައިވާ ވަޤުތުގެ ކުރިން ނިންމާލެވުނީ ސްޓެލްކޯ ގެ ޤާބިލު އަދި ހީވާގި އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ މަސައްކަތުން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މެއިންޓަނަންސް މަސައްކަތް ހެނދުނު 08:43 ގައި ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. މިމަސައްކަތް ނިންމާލެވޭނޭ ކަމަށް ކުރިން ލަފާކޮށްފައިވީ 10:00 ގައި ކަމަށް ވީ ނަމަވެސް، އެވަޤުތުގެ ކުރިން މަސައްކަތް ނިންމާލެވުނީ އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ހީވާގި ކަމުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިމިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން

ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ފާހަގަކުރެއްވި ގޮތުގައި، މަސައްކަތުގެ އަޚުލާޤާއި، މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު ސްޓެލްކޯ ގެ މުވައްޒަފުން ކިބައިގައި ވެއެވެ. ވީމާ،  މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް ފަހުމީ ވަނީ އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ. އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެންމެހާ ކަސްޓަމަރުންނަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުންދޔުމާއެކު، ކަރަންޓުގެ ބޭނުންތެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިތުރު އިންޖީނުތަކެއް ޤާއިމުކުރެވިފައި ނެތުމުގެ ސަބަބުން، މިހާރު ބޭނުންކުރަމުންދާ އިންޖީނުތަކުގެ މެއިންޓަނަންސް މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގައި 6 ޖަނަރޭޓަރު ހުރެއެވެ. މިއީ 2019 ވަނަ އަހަރު ބޭނުންކުރަން ފެށި އިންޖީނުގެއެކެވެ. މާލެއާއި ހުޅުމާލޭގައި ކަރަންޓުގެ ޑިމާންޑު އިތުރުވަމުން ދިޔުމާ އެކު، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު އިންޖީނުގެއެއް މިސަރަޙައްދަށް ކޮންމެހެން މުހިންމު ކަމަށް ސްޓެލްކޯ އިން ފާހަގަކޮށްފައިވެއެވެ. މިގޮތުން، ތިލަމާލެ ބްރިޖާއެކު، ތިލަފުށީގައި އެޅޭ އިންޖީނުގޭގެ މަސައްކަތް ނިމުމުން، މިމައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނޭ ކަމަށް ސްޓެލްކޯ އިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން