ޚަބަރު
ހިރިމަރަދޫ ރައްޔިތުންނަށް ދޮޅު އަހަރުތެރޭ ހަނިމާދޫއަށް ހިޖުރަކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

ފަރުދުން
24 އޯގަސްޓު 2025، 04:53
24 އޯގަސްޓު 2025، 04:53
ހިރިމަރަދޫ ރައްޔިތުންނަށް ދޮޅު އަހަރުތެރޭ ހަނިމާދޫއަށް ހިޖުރަކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައިސް މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިރިމަރަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މިއަދު ސޮއިކުރެވިގެން މިދިޔައީ ހިރިމަރަދޫ ރައްޔިތުންނަށް އެންމެ މުހިންމު އަދި އެންމެ ބޭނުންތެރި މަޝްރޫޢުގެ އެއްބަސްވުމުގައި ކަމަށެވެ. ހިރިމަރަދޫ ރައްޔިތުންނަަށް ޚާއްޞަ ހައުސިން ޔުނިޓްގެ އެއްބަސްވުމުގެ ދަށުން ޤާއިމްކުރާ ޔުނިޓްތަކާއި މުނިސިޕަލް މަސައްކަތްވެސް 18 މަސްދުވަސް ނުވަތަ އެއަށްވުރެ އަވަހަށް ނިންމާ، ހިރިމަރަދޫ ރައްޔިތުންނަށް ހިޖުރަކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވެފަވެއެވެ.
އެގޮތުން ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގްބަލު އުޖާލާކޮށްދީ، ރައްޔިތުންގެ އުންމީދުގައި ކުލަ ޖައްސައްދިނުމަށް އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހަނިމާދޫގައި ދާއިމީ ގެދޮރިވެރިކަމާއި، ޢުމްރާނީ ވަސީލަތް ޤާއިމްކުރުމަށް އެޗްޑީސީއާ ވަނީ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ހުރިހާ ރައްޔިތުންނަށް، ކޮންމެ ގޯއްޗަކަށް ގޯއްޗެއް އަދި ގެއެއް އަޅައިދީ ތަޅުދަނޑި ހަވާލުކުރެވޭނެކަަށް ރައީސް ވިދާޅުވިއެވެ. އަދި ބަދަލެއްގެ ގޮތުން ފައިސާގެ ޢަދަދެއްވެސް ދޭގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ އެހެން ރަށަކަށް ހިޖުރަކުރި ނަމަވެސް، ދޫކޮށްލާ ރަށުން އިޤްތިޞާދީ މަންފާ އެ ރައްޔިތުންނަށް ފައިދާވާނެގޮތަށް ކުރިއަށް ގެންދިއުމަށް ސިޔާސަތު އެކަށައަޅާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރަނީ އެކަމަށް އެދޭ ރަށްރަށުގެ ރައްޔިތުންނަށް އިސްކަންދީގެންކަމަށާއި، އެއްވެސް ރަށެއްގެ ރައްޔިތުން ހިޖުރަކުރުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށެވެ. ހަމައެއާއެކު މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ކަންކަން ކޯށްދިނުން ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަމުގަ ސަރުކާރުން ތިބީ ވަރަށް ގާތުގައި ރައްޔިތުންގެ އަޑުއެހުމަށް ތައްޔާރަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.