ޚަބަރު
އަމާޒަކީ ލަސްވެގެން ނޮވެމްބަރު މަހު، ހަނިމާދޫގެ ވައިގެބަނދަރުގެ މަސައްކަތް ނިންމާ ހުޅުވުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ރައީސް އޮފީސް

ފަރުދުން
25 އޯގަސްޓު 2025، 09:42
25 އޯގަސްޓު 2025، 09:42
އަމާޒަކީ ލަސްވެގެން ނޮވެމްބަރު މަހު، ހަނިމާދޫގެ ވައިގެބަނދަރު ބޭނުންކުރެވޭގޮތަށް ނިންމައި ހުޅުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ހަނިމާދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަމަށާއި، މިފަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު، އެ ވައިގެބަނދަރު، ބައިނަލްއަޤުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެއްވޭނޭކަމަށެވެ. އެގޮތުން، އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއަރޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނެ ފަދައިން، އެއަރޕޯޓުން ބޭރުގައިވެސް ޑޮލަރު އޭ.ޓީ.އެމެއް ބަހައްޓައިދެއްވާނޭކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭ.ޓީ.އެމްތައްވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެއަރޕޯޓް ހުޅުވޭއިރު، ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތްވެސް ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ހަނިމާދޫގައި 500 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރައްވާނޭކަމަށެވެ. އެ މަސައްކަތް ކުރިއަށްގެންދަވާނީ، ވަކި ސަރަޙައްދެއްގައި ހައުސިންގ ޔުނިޓު އަޅައިދޭ ގޮތަށާއި، ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިންގ މަޝްރޫޢު ކުރިއަށްގެންދަވައި، ކޯޓުގައި ހުއްޓިފައި އޮތް ހައުސިންގ މަޝްރޫޢަށް ހުއްދަލިބުމާއެކު އެ މަޝްރޫޢުވެސް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވެއެވެ. ސްކޫލްގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ހަނިމާދޫ ދަރިވަރުންނާއި، އެއްފަސްކުރުމުގެ ގޮތުން ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ ދަރިވަރުންނަށްވެސް ޖާގަ ލިބޭނޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫ އަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައެއް ހިއްސާކުރާ، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރާ ރަށެއްކަމަށެވެ.