ކުޅިވަރު / ދުނިޔެ
އޮންލައިން ޖުވާ މަނާކުރުމުން އިންޑިއާ ކްރިކެޓު ޓީމުގެ މައި ސްޕޮންސަރ އެއްބަސްވުން ނިމުމަކަށް

އިންޑިއާ ކްރިކެޓު ޓީމުގެ ޖާރޒީގައި ވެސް ޑްރީމް11ގެ ލޯގޯ އައީ ބޭނުން ކުރަމުން ---
އޮންލައިން ގޭމިން ޕްރޮމޯޓްކޮށް ރެގިއުލޭޓް ކުރުމުގެ ބިލު މިދިޔަ ހަފުތާގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެން، އިންޑިއާ ޤައުމީ ކްރިކެޓު ޓީމުގެ މެއިން ސްޕޮންސަރއެއްގެ ގޮތުގައި އޮތް ފެންޓަސީ ސްޕޯޓްސް ގޭމިން ޕްލެޓްފޯމް "ޑްރީމް11" އާ ޤައުމީ ޓީމާ ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނަސްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާ ޤައުމީ ޓީމުގެ މެއިން ސްޕޮންސަރއެއްގެ ގޮތުގައި ޑްރީމް11އާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ ޖުލައި 2023ގައެވެ. އެއީ 43.6 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.
ނަމަވެސް އެ ޤައުމުގެ މަޖިލީހުން މިދިޔަ ހަފްތާ ފާސްކުރި، އޮންލައިން ގޭމިން ޕްރޮމޯޓްކޮށް ރެގިއުލޭޓް ކުރުމުގެ ބިލު ބުނާ ގޮތުން، އެފަދަ ގޭމްތައް ޕްރޮމޯޓްކުރުމާއި ފައިނޭންސްކުރުން އެ ޤާނޫނުގެ ދަށުން މަނަލެވެ. އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ވެސް އެ ބިލުގައި ބުނެއެވެ.
ކަން މިހެން ހިނގުމާ ގުޅިގެން، އިންޑިއާ ޓީމަށް އައު ސްޕޮންސަރއެއް ހޯދުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށް އިނޑިއާގެ ނޫސްތަކުން ބުނެއެވެ.
އެ ޓީމަށް ދެން އެންމެ އަވަހަށް އޮތީ އަންނަ މަހުގެ 9ވަނަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ފަށާ ޓީ-20 އޭޝިއާ ކަޕެވެ. ނަމަވެސް މި މުބާރާތުގައި އެ ޓީމުން ދބޭނުންކުރާ ޖާރޒީގައި ޑްރީމް11ގެ ސްޕޮންސަރ ނުޖަހާނެއެވެ.
ޑްރީމް11 އަކީ ކެރީބިއަން ޕްރިމިއާ ލީގުގެ އޮފިޝަލް ޕާޓްނަރުގެ އިތުރުން އޮސްޓްރޭލިއާގެ ބިގް ބޭޝް ލީގު ވެސް ސްޕޮންސަރެކެވެ.
އޮންލައިން ގޭމިން ޕްރޮމޯޓްކޮށް ރެގިއުލޭޓް ކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގައި ބުނާ ގޮތުން، އިންޑިއާގެ އަމިއްލަ އަދި އެންމެ މަޤުުބޫލު ފެންޓަސީ ކްރިކެޓް އެޕްލިކޭޝަންތައް ހިމެނޭ ގޮތަށް ކާޑު ގޭމްތަކާއި ޕޯކާ އަދި ފެންޓަސީ ކުޅިވަރުތަކުގެ ޕްލެޓްފޯމްތައް ވެސް ހުއްޓާލަން ޖެހޭނެއެވެ. މި ބިލާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ބުނީ، މިއީ އަވަހަށް މުއްސަނދިކޮށްދޭކަމަށް ދައްކައި އޮޅުވާލައިގެން ޖުވާގެ ތެރެއަށް ވެއްދުމުން އެކަމަށް ދެވިހިފާފައި ތިބި އާންމުންނަށް ލިބެމުންދާ މާލީ ބޮޑެތި ގެއްލުމާއި އިޖުތިމާއީ މައްސަލަތައް ކުޑަކުރުމުގެ ގޮތުން ފާސްކުރި ބިލެއް ކަމަށެވެ.