ކުޅިވަރު
އެފްއޭއެމް ޒޯން ފުޓްސަލް: ސައުތު ޒޯން 1ގެ ވަރުގަދަ ކުރިމަތިލުން ތިމަރަފުށިން ކާމިޔާބުކޮށްފި
ތިމަރަފުށީގެ އިބްރާޙިމް އަސްވަދު ބޯޅަ ހިފައިގެން / ފޮޓޯ: ކްލަބް މޯލްޑިވްސް
އެފްއޭއެމް ޒޯން ފުޓްސަލް މުބާރާތުގެ ސައުތު ޒޯން 1 ގެ ގްރޫޕް އޭގެ ފޯރިގަދަ ކުރިމަތިލުން، ހަނި ނަތީޖާއަކުން ދެއްވަދޫ ބަލިކޮށް ތިމަރަފުށިން ކާމިޔާބުކޮށްފިއެވެ.
ރާއްޖޭގެ ފުޓްސަލްގެ އެންމެ މަތީ ފަންތީގެ ގިނަ ތަރިންތަކަކާއެކު ދެ ޓީމުން ވެސް ނުކުތް މި މެޗަކީ، ވާދަވެރި އަދި ބަލާހިތްވާ ފަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. މެޗު ފެށިގެން ދެވަނަ މިނެޓުގައި އިބްރާހިމް އަސްވަދު ލަނޑެއް ޖަހައި ތިމަރަފުއްޓަށް ލީޑު ނަގައިދިނެވެ.
ދެއްވަދޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފެވެ. އެއީ ތިމަރަފުށީގެ މޮހްސެން މޮންތަޒެމީ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.
އެހެން ނަމަވެސް، އއެ ނަތީޖާ ދެމިއޮތީ އެންމެ ހަތަރު މިނެޓަށެވެ. އާދަމް ނާސިހު ކާމިޔާބުކޮށްދިން މޮޅު ލަނޑުން ތިމަރަފުށިން އަލުން ލީޑު ނެގިއެވެ.
މި ޒޯންގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ވޭމަންޑޫ ވަނީ 1-0 ގެ ހަނި ނަތީޖާއަކުން އިސްދޫ ބަލިކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ވޭމަންޑޫއަށް ހަމައެކަނި ލަނޑު ޖަހައިދިނީ ސޯލިހު އަލީއެވެ. މި މެޗުގައި ވޭމަންޑޫގެ ކީޕަރު ތޮލާލް ހަސަންގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ޚާއްސަކޮށް، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އިސްދޫއަށް ލިބުނު 10 މީޓަރު ޕެނަލްޓީ ތޮލާލް ވަނީ ދިފާއުކޮށްފައެވެ. މި ޕެނަލްޓީ ފޮނުވާލި އިސްދޫގެ ލޫތު އަހުމަދު ފަތުހީ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ވެސް ޕެނަލްޓީއެއް ބޭކާރުކޮށްލާފައެވެ.