ދުނިޔެ
އެމެރިކާގެ ތެޔޮ ރިޒާވް އިތުރުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ
ތެޔޮރައްކާކުރާ ތަނެއް.
އެމެރިކާގެ ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތަކުގެ ރިޒާވް އިތުރުވިކަން ދައްކާ ހިސާބުތަކާއެކު، ބުދަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެއެވެ. ނަމަވެސް އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަލާތަކާއި ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ސަބަބުން، އަގުތައް މާބޮޑަށް ވެއްޓުނަނުދީ ވަނީ ހިފަހައްޓާފައެވެ.
ސައުދީ ގަޑިން ހެނދުނު 8:50 ގައި ބްރެންޓް ކްރޫޑްގެ އަގު ފީފާއަކުން 61 ސެންޓް (0.7 އިންސައްތަ) ދަށްވެ، ފީފާއެއްގެ އަގު ވަނީ 92.53 ޑޮލަރަށް ވެއްޓިފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު ފީފާއަކުން 1.24 ޑޮލަރު (1.4 އިންސައްތަ) ދަށްވެ، ފީފާއެއްގެ އަގު ވަނީ 84.77 ޑޮލަރަށް ދަށަށް ގޮސްފައެވެ.
އެމެރިކަން ޕެޓްރޯލިއަމް އިންސްޓިޓިއުޓް (އޭޕީއައި) ގެ ހިސާބުތަކާ ހަވާލާދީ ބާޒާރުގެ މަސްދަރުތަކުން ބުނިގޮތުގައި، ނޮވެމްބަރު 13 ގެ ނިޔަލަށް ހިނގި ހަފްތާގައި އެމެރިކާގެ ސާފުނުކުރާ ތެލުގެ ރިޒާވް ވަނީ 5.28 މިލިއަން ފީފާ އިތުރުވެފައެވެ. މީގެއިތުރުން ޕެޓްރޯލް ރިޒާވް 5.12 މިލިއަން ފީފާ އިތުރުވެފައިވާއިރު، ޑިސްޓިލޭޓް ރިޒާވް ވަނީ 351,000 ފީފާ އިތުރުވެފައެވެ. ޚާއްޞަކޮށް އެމެރިކާގެ ގަލްފް ކޯސްޓުގައި ތެލުގެ ރިޒާވް ބޮޑުވަމުންދާތީ، އޭޝިއާއާއި ޔޫރަޕަށް ޑަބްލިއުޓީއައި އެކްސްޕޯޓް ކުރުމުގެ ފުރުސަތު ހަނިވެ، ބްރެންޓަށްވުރެ ބޮޑަށް ޑަބްލިއުޓީއައިގެ އަގު ވަނީ ދަށަށް ގޮސްފައެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެޔޮ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ އަގުތައް ވެއްޓުމުގެ ބިރު އޮތް ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އަގުތައް އެއްކޮށް ވެއްޓުނަނުދީ ދަނީ ހިފަހައްޓަމުންނެވެ. އެގޮތުން، އެމެރިކާގެ ފަސްވަނަ ފްލީޓް އޮންނަ ބަހްރައިންގެ އަސްކަރީ ރާޑަރު ސިސްޓަމަކަށް އަންގާރަ ދުވަހު އީރާނުން ޑްރޯން ހަމަލާއެއް ދީފައިވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ގޭޝްމް ރަށުގައި ހުރި މިސައިލް ލޯންޗުކުރާ ތަނަކަށް ހަމަލާދީ ބަދަލުހިފާފައެވެ. އަދި ބުދަ ދުވަހުވެސް އީރާނުން ދިން ވައިގެ ހަމަލާތަކެއް ދިފާއުކޮށްފައިވާ ކަމަށް ބަހްރައިންގެ ޑިފެންސް ފޯސްއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރި އެލްޕީޖީ ޓޭންކަރަކަށް ހޯމަ ދުވަހު ހަމަލާއެއް އަރައި ފަޅުވެރިން ބާލަން ޖެހިފައިވާއިރު، އޮމާނާއި ގަތަރު މެދުވެރިވެގެން ސުލްހައިގެ ވާހަކަތައް ދެއްކި ނަމަވެސް، ކަނޑުއޮޅިން ތެޔޮ ދަތުރުކުރުން އާންމު ހާލަތަކަށް ގެނައުމަށް އަދިވެސް ހުރަސްތައް އެބަހުއްޓެވެ. މީގެއިތުރުން، ހޮރުމުޒު ކަނޑުއޮޅި ބޭނުންނުކޮށް ރަތް ކަނޑުގެ ޔަންބު ބަނދަރަށް ތެޔޮ ފޮނުވުމަށް ސައުދީ އަރަބިއްޔާއިން ބޭނުންކުރާ އީސްޓް-ވެސްޓް ހޮޅިލައިނުގެ ދެ ޕަންޕިންގ ސްޓޭޝަނަކަށް އަމާޒުކޮށް ފަސް ޑްރޯން ހަމަލާ ފޮނުވާލާފައިވާ ކަމަށް ޔަމަނުގެ ހޫޘީން ވަނީ ހާމަކޮށްފައެވެ.