ދުނިޔެ

އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިދާނެކަމުގެ އިންޒާރު ދީފި

އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިދާނެކަމުގެ އިންޒާރު ދީފި

ޣައްޒާގެ ހަލާކުވެފައިވާ މަގުތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ނޮވެމްބަރު 2026، 11:37

18 ނޮވެމްބަރު 2026، 11:37

އެމެރިކާގެ އެހީތެރިކަމާއެކު އުފައްދާފައިވާ "ބޯޑް އޮފް ޕީސް" އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ރިޕޯޓެއްގައި، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ އެއްބަސްވުން އެއްކޮށް އުވިދާނެކަމުގެ އިންޒާރު ދީފިއެވެ.

އަންގާރަ ދުވަހު ހުށަހެޅި މި ރިޕޯޓުގައި ބުނެފައިވަނީ، އިސްރާއީލާއި ޙަމާސްއާ ދެމެދު އެއްބަސްވެފައިވާ ކަންކަމާއި ބިމުގެ ހަގީގަތާ ދެމެދު ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށާއި، މިއީ ސުލްޙައިގެ މަރުޙަލާއަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ. ބޯޑް އޮފް ޕީސް އަކީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބަލަހައްޓައި، އެ ސަރަޙައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް 2025 ވަނަ އަހަރު އުފެއްދި ބޯޑެކެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ނަސްލުހެދުމުގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 74،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު 10 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލަން ނިންމި ނަމަވެސް، ފަހަކަށް އައިސް އިސްރާއީލުން ވަނީ ފުރާނައަށް ނުރައްކާވާ ފަދަ ވައިގެ ޙަމަލާތައް ދީފައެވެ. އަދި ފިނި މޫސުން ފެށެން ކައިރިވެފައިވާއިރު، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ވަނީ ހުރަސްއަޅާފައެވެ. މީގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް އަނެއްކާވެސް ފިނި މޫސުމާ ކުރިމަތިލާން ޖެހިފައިވަނީ ޓެންޓުތަކުގައާއި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިސްރާއީލާއި ޙަމާސްއިން ވެސް ވަނީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައެވެ. "ފެންނަ ފަދަ ނަތީޖާއެއް ނުނިކުންނަ ހަނގުރާމަ ހުއްޓާލުމެއް ދާއިމީ ގޮތެއްގައި ދަމައެއް ނުބެހެއްޓޭނެ،" ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި އެއްބަސްވުން އުވިއްޖެނަމަ، އަލުން ރުޖޫޢަވާނެ މަގުޗާޓެއް ނޯންނާނެ ކަމަށާއި، ޣައްޒާ ހިންގުމަށް އެކަށީގެންވާ އިދާރާއެއް ގާއިމުކުރުމާއި އަލުން އާރާސްތުކުރުމަށް އެކަށޭނަ މާޙައުލެއް ގެއްލިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ވަގުތީ ގޮތުން ޣައްޒާ ހިންގުމަށް އުފެއްދި ޓެކްނޮކްރެޓިކް މަދަނީ އިދާރާގެ މަސައްކަތްތަކަށް އިސްރާއީލުން ހުރަސްއަޅަމުންދާ ކަމަށް ބޯޑުން ބުނެފައިވެއެވެ. ޚާއްޞަކޮށް ޣައްޒާގެ މަދަނީ ފުލުހުން ތަމްރީނުކުރުމާއި، އެމީހުން ރުކުރުވާލުމަށް ބޭނުންވާ ނިންމުންތައް އިސްރާއީލު ސަރުކާރުން ނުނިންމާ ލަސްކުރުމަކީ މި ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް އޮތް ހުރަހެއް ކަމަށް ބަޔާންކޮށް، ލަސްނުކޮށް އެ ނިންމުންތައް ނިންމުމަށް އިސްރާއީލަށް ވަނީ ގޮވާލާފައެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުން ވެސް އެއްބަސްވުންތަކަށް އިޙްތިރާމްކުރުމަށް ބާރުއެޅުމަށް ބޯޑް އޮފް ޕީސްއިން ވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލަށް ގޮވާލާފައެވެ. އަދި އެއްވެސް ފަރާތަކުން އަނެއް ފަރާތުގެ ލަސްވުންތައް ބަހަނާއަކަށް ދައްކައިގެން ފިޔަވަޅު ނާޅައި ތިބެގެން ނުވާނެ ކަމަށާއި، މި ޕްލޭންގެ އެންމެ ފަހުގެ ލަނޑުދަނޑިއަކީ ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް އިތުބާރު ހުރި މަގެއް ކޮށައިދިނުން ކަމަށްވާއިރު، އެ މަގަށް ހުރަސްއެޅޭ ފަދަ އެއްވެސް އެއްފަރާތު ނިންމުމަކަށް ފުރުޞަތު ދީގެން ނުވާނެ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450