ދުނިޔެ
ދުނިޔޭގެ މަޝްހޫރު ވެބްސައިޓުތަކަކަށް ސައިބާ ހަމަލާއެއް: ކްރިޕްޓޯ ވަގަށް ނަގައި އައިފޯނުތަކަށް ވައިރަސް ފޮނުވަނީ
ދުނިޔޭގެ މަޝްހޫރު ވެބްސައިޓުތަކަކަށް ސައިބާ ހަމަލާތަކެއް - ފޮޓޯ: ރޮއިޓާސް
ދުނިޔޭގައި އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ ބޮޑެތި ވެބްސައިޓުތަކެއް ހެކްކޮށް، ކްރިޕްޓޯކަރަންސީ ވަގަށް ނެގުމަށާއި އެޕަލްގެ އައިފޯނުތަކަށް ނުރައްކާތެރި މެލްވެއާ ފޮނުވުމަށް ވަރުގަދަ ސައިބާ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
ސައިބާ ސެކިއުރިޓީ ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ނުރައްކާތެރި ހަމަލާ އަމާޒުވެފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ކުންފުނިތަކާއި މުއައްސަސާތަކަށެވެ. އޭގެ ތެރޭގައި މުޅި ދުނިޔޭގައި މަގުބޫލު ވީޑިއޯ ކޮންފަރެންސް ޕްލެޓްފޯމް ޒޫމް، މަޝްހޫރު ބޭންކް އެޗްއެސްބީސީ، ހަބަރު ފަތުރާ ވަސީލަތް ސީއެންއެން ، ކްރެޑިޓް ރޭޓިން އެޖެންސީ އިކުއިފެކްސް، ސޮފްޓްވެއާ އުފައްދާ ސޭލްސްފޯސް އަދި ފަރުނީޗަރުގެ ވިޔަފާރިކުރާ އައިކިއާ ހިމެނެއެވެ.
ސެކިއުރިޓީ ރިސާޗަރު ސްކޮޓް ހެލްމް ހާމަކުރި ގޮތުގައި، މި ހަމަލާ ދީފައިވަނީ ވެބްސައިޓުތަކުގެ ޚިދުމަތްތައް ފުރިހަމަކުރުމަށް އާންމުކޮށް ބޭނުންކުރާ މަޝްހޫރު ޓޫލެއް ކަމަށްވާ "އޮޕްޓިމައިޒްލީ" މެދުވެރިކޮށެވެ. ހެކަރުން ވަނީ އެކި ދާއިރާތަކަށް ނިސްބަތްވާ 178 މުއައްސަސާއެއްގެ ވެބްސައިޓަށް ޒިޔާރަތްކުރާ މީހުންނަށް އަމާޒުކޮށް، ނުރައްކާތެރި މެލިޝިއަސް ޖާވާސްކްރިޕްޓް ކޯޑުތަކެއް ފޮނުވާފައެވެ.
ހެކަރުންގެ މައިގަނޑު ބޭނުމަކީ ވެބްސައިޓުތައް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކުގެ ކްރިޕްޓޯކަރަންސީ އެޑްރެސްތައް އޮޅުވާލައި، ހެކަރުންގެ އަމިއްލަ ވޮލެޓް އެޑްރެސްތަކަށް ފައިސާ ޖަމާވާނެ ގޮތް ހެދުމެވެ. މީގެއިތުރުން ކަސްޓަމަރުން ޖަހާ ކްރެޑިޓް ކާޑުގެ މައުލޫމާތާއި، އިންޓަނެޓް ބްރައުޒާގެ ކުކީސް އަދި ސްކްރީންޝޮޓްތައް ވަގަށް ނެގުމަށްވެސް މި ކޯޑުތައް ވަނީ ބޭނުންކޮށްފައެވެ. އަދި ހަމައެހެންމެ، އެޕަލްގެ އައިއޯއެސް (iOS) އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ އައިފޯނުތަކަށް ސިއްރިޔާތުގައި ވައިރަސް ފޮނުވައި، އެ ޑިވައިސްތައް ކޮންޓްރޯލް ކުރުމަށްވެސް ހެކަރުން ވަނީ މަސައްކަތް ކޮށްފައެވެ.
މި ނުރައްކާތެރި ހަރަކާތްތަކާ ގުޅިގެން ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ހަޑްސަން ރޮކްއިން ވެސް ވަނީ އެ ވެބްސައިޓުތަކަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ މީހުންނަށް މިފަދަ ނުރައްކާތެރި ކޯޑުތައް ފޮނުވާފައިވާ ކަމުގެ ސާބިތު ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް ފަރާތެއްގެ ފައިސާ ނުވަތަ ޒާތީ މައުލޫމާތެއް ގެއްލިފައިވޭތޯ އަދި ލިބުނު ގެއްލުމުގެ އަސްލު މިންވަރެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، މިކަމާ ގުޅިގެން ސޭލްސްފޯސް ކުންފުނިން ބުނެފައިވަނީ، އެއްވެސް ހުއްދައަކާ ނުލައި އޮޕްޓިމައިޒްލީ ސްކްރިޕްޓަށް ގެނެސްފައިވާ ބަދަލުތައް މިހާރު ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އިތުރު ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސްކްރިޕްޓްތައް މިހާރު ސައިޓުތަކުން ނުފެންނަ ގޮތަށް ނަގާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.