ޚަބަރު
ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފި
ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުން ފޮޓޯ:ގެދޮރުވެރިކަމާއި ބެހޭ ވުޒާރާ
ހައުސިންގ މިނިސްޓްރީން އާންމުކުރި އިޢުލާނެއްގައި ވަނީ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، ގުރުއަތުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައެވެ. މިލިސްޓް ޝާއިޢު ކޮށްފައިވަނީ ގެޒެޓުގައެވެ.
މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ކުރިއަށް ގެންދާނީ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، އެކަމަށް ޚާއްޞަކޮށްފައިވާ މިނިސްޓްރީގެ މުވައްޒަފުންނެވެ. ގުރުއަތުލުން އޮންނާނީ 29 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައެވެ.
ގުޅީފަޅުން ބިން ލިބޭ ފަރާތްތަކަށް ގުރުއަތުލުމަށް ހަމަޖެހިފައިވާ މާލަމަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. އަދި ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންވާނަމަ، ބިން ލިބޭ ފަރާތުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީއަކާއެކު ޙާޟިރުވުމަށް އަންގާފައިވެއެވެ.
މީގެއިތުރުން، ގުރުއަތުލުމުގެ އިވެންޓް ޕަބްލިކް މީޑިއާއިން ލައިވްކޮށް ދައްކާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި ބިން ލިބޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތު މިނިސްޓްރީން ފަހުން ޙިއްޞާކުރާނެ ކަމަށްވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.