ޚަބަރު
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގިކަމުގެ ތުހުމަތުގައި 3 މީހުން ހައްޔަރުކޮށްފި
ސްކޭމްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން. ފޮޓޯ: ފުލުހުން
މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާއި ގުޅިގެން، މި މައްސަލަތަކުގެ ތުހުމަތުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 3 މީހުން:
- ހީނާގެ / ނ. ހޮޅުދޫ، ޢަލީ ޢައްފާން (32އ)
- ޕްލާޒާ / ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު (34އ)
- ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ (34އ)
މި ތިންމީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެންބަރު 2ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
ޢަލީ ޢައްފާންއާއި، މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ 2026 އޮގަސްޓު 7ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.