ޚަބަރު
އިންޒެކް 2026: ކުއްލިއަކަށް ދިމާވާ ދަތިކަމަކުން އާއިލާތައް ނާޒުކު ހާލަތަށް ވެއްޓޭ ގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފި
އިންޒެކް 2026 ފޮޓޯ:އިސްލާމީ ވުޒާރާ
ކުއްލިއަކަށް ކުރިމަތިވާ މާލީ ލޮޅުންތަކުގެ ސަބަބުން، މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތައް ހިމެނޭހެން، ގޭބިސީތައް ފަގީރުކަމާއި އިޖުތިމާއީ ގޮތުން އެކަހެރިވުމުގެ ތެރެއަށް ވެއްޓިގެންދާ ގޮތާ ބެހޭގޮތުން ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ފުރަތަމަ ޕެނަލް ޑިސްކަޝަންގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި ކޮންފަރެންސްގެ މި ސެޝަންގައި މާހިރުން ވަނީ، ގޭބިސީތަކުގެ ހަމަޖެހުމަށް ނުރައްކާވާ މާލީ ފިއްތުންތަކަށް ހައްލެއް ހޯދުމަށް އިދާރާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ނާޒުކު ޙާލަތަށް ވާޞިލުކޮށްދޭ ކަންކަމުގެ ސިލްސިލާ ދެނެގަތުން: މާލީ ދަތިތަކުން އިޖުތިމާއީ އެކަހެރިކަމަށް ވާޞިލުވާ ގޮތް ދިރާސާކުރުން" މި މައުޟޫއަށް ކުރިއަށްދިޔަ މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޑިރެކްޓަރ ޖެނެރަލް ސުނީތާ އަބްދުﷲ އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ އަދި ޑިރެކްޓަރ އޮފް ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަހުމަދު އަސްލަމް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންކްލޫޝަން ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ތާއިފް އަހުމަދު ރުޝްދީއެވެ. މި ސެޝަން މޮޑަރޭޓްކުރެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ ޒަކާތު އާމިލް، މަރިޔަމް މާޝާ މުސްތަފާއެވެ.
މި މަޝްވަރާގައި، ދިވެހިރާއްޖެ ފަދަ ފައިސާގެ މުއާމަލާތްތަކަށް ބަރޯސާވެފައިވާ އިގްތިސާދެއްގައި ދިރިއުޅުމުގެ ހަރަދުތަކާއި، ސިއްހީ ކުއްލި ހާލަތްތަކުގެ އިތުރުން ބޯހިޔާވަހިކަމުގެ ހަރަދުތަކުގެ ސަބަބުން ގޭބިސީތަކުގެ ހަމަޖެހުން ގެއްލިގެންދާ ގޮތްތަކަށް އަލިއަޅުވާލެއްވިއެވެ. ހާއްސަކޮށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބުމުގައި ހުރި ދަތިތަކާއި، ރަސްމީ ބޭންކިންގ ހިދުމަތްތައް ހޯދުމަށް ހުރި ހުރަސްތަކުގެ ސަބަބުން ނުރަސްމީ ދަރަނިތަކުގެ މަޅީގައި ޖެހި، ޖީލުތަކަކަށް ދެމިގެންދާ ފަގީރުކަމަކަށް މަގުފަހިވާކަން ޕެނަލިސްޓުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބޮޑެތި މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، އެހީތެރިކަމަށް އެދެން ފަސްޖެހޭ ފަރާތްތައް ދެނެގަނެ، "ފޮރުވިފައިވާ ފަގީރުކަން" ހާމަކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިޖުތިމާއީ އެހީތެރިކަމަކީ ހަމައެކަނި ވެލްފެއަރ ހަރަދެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، މުޅި އިގްތިސާދީ ހަމަޖެހުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށާއި، ވަގުތީ ދަތިތައް ދާއިމީ ފަގީރުކަމަކަށް ބަދަލުވިޔަނުދިނުމަށް އިޖުތިމާއީ ރައްކާތެރިކަމުގެ އިދާރާތަކާއި، ބޯހިޔާވަހިކަމުގެ ދާއިރާ އަދި ޒަކާތު ހައުސް ގުޅިގެން މަސައްކަތްކުރުމަށް ވަނީ ގޮވާލައްވާފައެވެ.