Ads by Farudhun

ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން މާދަމާއަށް ތާވަލުކޮށްފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން މާދަމާއަށް ތާވަލުކޮށްފި

ރައްޔިތުންގެ ރައީސް / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޮކްޓޯބަރު 2026، 04:35

28 އޮކްޓޯބަރު 2026، 04:35

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚާއްޞަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 13:30 ގައެވެ. މި ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ ހަމައެކަނި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ މަސައްކަތް އެކަންޏެވެ. އެހެން އެއްވެސް އިތުރު ކަމެއް މި ޖަލްސާގެ އެޖެންޑާގައި ހިމަނާފައެއް ނުވެއެވެ.

ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ އަހަރު ނިމުމުގެ މަދުވެގެން ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އެހެންކަމުން، މާދަމާ ހުށަހަޅާ މި ބަޖެޓާއެކު ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތަކާއި، ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި، މުވައްޒަފުންގެ މުސާރައާއި ލޯނު އަދާކުރުމުގެ ތަފްސީލުތަކުގެ އިތުރުން، ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ ފުރިހަމަ ތަފްސީލުތައް ހާމަވެގެންދާނެއެވެ.

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމާ ގުޅޭގޮތުން، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ މިއަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހުރިހާ ޚަރަދުތަކެއް ހަމަޖައްސައި މެނޭޖުކުރުން ކަމަށެވެ.

މީގެއިތުރުން، އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތްވެސް މާލީ ވުޒާރާއިން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

މާދަމާ މަޖިލީހަށް ބަޖެޓު ހުށަހެޅުމަށްފަހު، އެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ބަޖެޓު ކޮމިޓީން ކުރިއަށް ގެންދާނެއެވެ. އަދި ބަޖެޓު ފާސްކުރެވޭނީ މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީ މަރުޙަލާގައި މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ފަހުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450