Ads by Farudhun

ޚަބަރު

ގިރިފުށި މަޝްރޫޢު: ގިނަ މަސައްކަތްތަކެއް އެއްފަހަރާ ދަނީ ކުރެވެމުން

ގިރިފުށި މަޝްރޫޢު: ގިނަ މަސައްކަތްތަކެއް އެއްފަހަރާ ދަނީ ކުރެވެމުން

ގިރިފުށީ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2026، 04:53

28 އޮކްޓޯބަރު 2026، 04:53

ކ. ގިރިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި އަދި ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ގިނަ މަސައްކަތްތަކެއް އެއްފަހަރާ ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޓައިޕް ސީގެ ކޯ ލޭޔަރާއި އާމަރ ލޭޔަރު އެޅުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން ކީވޯލްގެ ކޮންކްރީޓް ކެޕިންގް އެޅުމާއި، ރޭމްޕް އަދި ބްރިޖް ހެދުމުގެ މަސައްކަތުގެ އިތުރުން ޖެޓީގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްތައް ވެސް ހުއްޓުމެއްނެތި ބާރަށް ކުރިއަށް އެބަދެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރެއްވުމަށް ޓަކައި އެކަށައަޅުއްވާފައިވާ އިސްތިރާޖީ އެންމެ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ޒަމާނީ ތަމްރީނުގެ ވަޞީލަތްތައް ޤާއިމުކޮށް، ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދެއްވުމަށް އެމަނިކުފާނު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ އެންމެ މުހިންމު އެއް މަޝްރޫޢު ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ކުރިން ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދަށް އިތުރު 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. މިއާއެކު އެ ރަށުގައި ހިންގާ އަސްކަރީ ތަމްރީނުތަކަށް ބޭނުންކުރެވޭ ބިމުގެ ޖާގަ ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ފާހަގަކުރެއެވެ.

ގިރިފުށީ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގެ ތެރޭގައި، ރަށުގެ އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށްޓަކައި ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމުގެ އިތުރުން، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، މިހާރު ބޭނުންކުރަމުންދާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި، ބައިނަލްއަޤްވާމީ ފެންވަރުގެ 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްޤީކުރެވޭނެއެވެ.

ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި ގިރިފުށި ތަރައްޤީކުރާނީ ހުރިހާ ވަޞީލަތްތަކެއް އެކުލެވޭ ޒަމާނީ ފުރިހަމަ ތަމްރީން މަރުކަޒެއްގެ ގޮތުގައެވެ.

އެގޮތުން، ޒުވާނުންނަކީ ޤައުމަށް ވަފާތެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސަރވިސް) ޕްރޮގްރާމްގެ ތަމްރީންތައް ދޭ މައި މަރުކަޒަކަށް ވެގެންދާނީ ވެސް ގިރިފުށްޓެވެ. މީގެއިތުރުން ދިވެހި އަސްކަރިއްޔާގެ އޮފިސަރ ޓްރެއިނިންގ ވިންގާއި، އެންސީއޯ އެކެޑަމީން ހިންގާ މުހިންމު ތަމްރީންތަކަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތަކާއި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި ސަޕޯޓް ނިޒާމްތައް އެ ރަށުގައި ފުރިހަމައަށް ޤާއިމުކުރެވިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450