ޚަބަރު
މީރާގެ ބޯޑަށް 4 ބޭފުޅަކު އައްޔަން ކުރެއްވުމަށް ރުހުންދީފި

މީރާގެ އޮފީސް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ހަތަރު މެންބަރުން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މީރާގެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް 14 ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ. މި މައްސަލަ ދިރާސާކުރުމަށްފަހު އިޤުތިޞާދީ ކޮމިޓީން ވަނީ އެ ބޭފުޅުންގެ ތެރެއިން 8 ބޭފުޅަކަށް 75 ޕަސެންޓަށްވުރެ މަތިން މާކްސް ދީފައެވެ.
މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާފައި ވަނީ އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން، ކޮންމެ ބޭފުޅަކަށް ވަކިންނެވެ. އެގޮތުން، މީރާގެ ބޯޑަށް އައްޔަން ކުރެއްވުމަށް ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުވީ، މުޙައްމަދު އިމްތިނާން ސަޢުދުﷲ، ހުޝާމް ވަޙީދު، އިސްމާޢިލް ހަމްދޫން އަދި އަޙްމަދު ޢަލީއަށެވެ.
މީރާގެ ބޯޑަށް މެންބަރުން އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުން ނަން ފާސްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއެވެ. މީރާގެ ބޯޑުގައި ޖުމްލަ 7 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.