ޚަބަރު
ނޮވެމްބަރުމަހުން ފެށިގެން ޑޮމެއިން ނަންބަރު ވިއްކަން ފަށަނީ
ޑޮމެއިން ނަންބަރު ވިއްކަން ފެށުން ފޮޓޯ:މޯލްޑިވްސް ސުޕަރ ކާޒް އެންޑް ބައިކްސް
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ ނޮވެމްބަރު މަހުން ފެށިގެން ޑޮމެއިން ނަންބަރުތައް އަލުން ވިއްކަން ފަށާނެކަމަށް އިއުލާނުކޮށްފައެވެ.
ކުރިން ބިޑު ކުރުމުގެ އުސޫލުގެ ތެރެއިން މަތީ އަގުތަކުގައި ވިއްކަމުން ދިޔަ ޑޮމެއިން ނަންބަރުތައް ވިއްކުން ވަނީ ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ އޯގަސްޓް މަހު ހުއްޓުވާލާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޚިދުމަތް އަލުން ފެށުމުގެ ކުރިން މިހާރު ޢަމަލުކުރަމުންދާ ގަވާއިދުތަކަށް އިސްލާހު ގެންނާނެ ކަމަށެވެ.
މީގެ އިތުރުން، މިނިސްޓްރީން ވަނީ ގުޅުންހުރި ލިޔެކިޔުންތައް ސެކިއުރިޓީ ފީޗަރސް ހުންނަ ލިޔުންތަކަކަށް ބަދަލުކޮށްގެން ރައްކާތެރިކަން އިތުރުކުރުމަށް ރާވާފައެވެ. މިނިސްޓްރީން ބުނާ ގޮތުގައި މީގެ މަޤްޞަދަކީ ޑޮމެއިން ޚިދުމަތްތަކާ ގުޅޭ ޤާނޫނީ މައްސަލަތައް ހައްލުކޮށް، ޚިދުމަތް ލިބިގަތުމަށް ފަސޭހަކޮށްދިނުމެވެ.
"މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ ނޮވެމްބަރު މަހުން ފެށިގެން ޑޮމެއިން ޚިދުމަތްތައް އަލުން ފެށުމަށާއި، މިކަމާ ގުޅިގެން ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ފެށުމަށް،" ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މިނިސްޓްރީން ވަނީ ވިއްކުން އަލުން ފެށުމުގައި ވަކިވަކި ފަރުދުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާނެކަން ކަށަވަރުކޮށްދީފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ކުރިން ވިދާޅުވެފައި ވަނީ،ޑޮމެއިން ވިއްކުން ހުއްޓުވާލުމުގެ ކުރިން ދޫކޮށްފައިވާ 1,200 ޑޮމެއިން ނަންބަރުގެ ތެރެއިން 50 އިންސައްތައަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ.