ކޮލަމް
އެކަނިވެރިކަމުގެ ވަބާ: "އެކަނިވެރިކަމާ ބެހޭ ވަޒީރެއް" ކަނޑައަޅަން ޖެހުނު ސަބަބު

އެކަނިވެރިކަން.

ފަރުދުން
28 އޯގަސްޓު 2025، 03:00
28 އޯގަސްޓު 2025، 03:00
އެކަނިވެރިކަމުގެ ވަބާއަކީ ކޮބައި ކަން އެނގިލައްވާ ތޯއެވެ؟ ތިޔައިގެ ތެރެއިން ގިނަ ކިޔުންތެރީންނަށް އެއީ ކޮން އެއްޗެއް ކަން އެނގިނުލެއްވި ނަމަވެސް، އެވަބާގެ އަޘަރު ސީދާކޮށާއި ނުސީދާކޮށް ފޯރާފައިވެދާނެއެވެ. އެކަނިވެރިކަމުގެ ވަބާ ނައްތާލުމަށް އިނގިރޭސި ވިލާތުގައި "އެކަނިވެރިކަމުގެ ވަޒީރެއް" ވެސް ކަނޑައަޅާފައި ހުރެއެވެ! ވީމާ، މިއީ ކިހިނަކުން ވާ ކަމެއް ތޯ ފިލުވައިލަމާ ހިންގަވާށެވެ!
ތަރައްްޤީއާއި ތަހުޛީބުގެ މިޢަޞްރުގައި، ދުނިޔެ ބަވަނަވެ ސުމޭކު ވަމުން އަންނަ އިރު، ގިނަ ބައެއްގެ ސަމާލުކަން ނުލިބި ސިއްރިއްޔާތުގައި އެންމެ ބާރު ހަލުވިމިނެއްގައި ބޮޑުވެފައިވާ މައްސަލައަކީ އެކަނިވެރިކަމުގެ މައްސަލައެވެ. އެކަނިވެރިކަމަކީ ހަމައެކަނި ޝުޢޫރެއް ނުވަތަ އިޙުސާސެއް ކަމުގައި އަޅުގަނޑުމެންނަށް ހީވެދާނެއެވެ. އެހެނަސް، ޙަޤީޤަތުގައި، އެއީ އަޅުގަނޑުމެންނަށް ވިސްނިފައިވާ ވަރަށް ވުރެ މާ ބޮޑެތި އުނދަގޫތަކެއް އެކަމެއްގެ ސަބަބުން ކުރިމަތިވެދާ މައްސަލައެކެވެ. ގައިންގަޔަށް އަރާ ބަލިބަލި ނޫނަސް، އެކަނިވެރިކަމަކީ ވެސް ހަމަ ޢާލަމީ ވަބާއެކެވެ.
އެކަނިވެރިކަމުގެ ވަބާއަކީ ކޮބައި؟
އެކަނިވެރިކަމުގެ ވަބާގެ މަފްހޫމަކީ: އެކަހެރިކަމާއި، ގުޅުންކެނޑިފައިވާކަން އިޙުސާސް ކުރެވެމުން ދާ ފަރާތްތައް އިތުރުވަމުންދާ ދިޔުމާއި، ހަރުދަނާ އިޖުތިމާޢީ ގުޅުންތައް ނެތިވަމުންދާ ދިޔުމެވެ. އެކަނިވެރިކަމުގެ ވަބާއަކީ އެއްވެސް ޙާލެއްގައި ޖިސްމާނީ ގޮތުން އެކަނިވެރި ވުމެއް ނޫނެވެ. ޖަލު ގޮޅިއަކަށް ލައި ހައްޔަރުގައި ވުމެއް ނޫނެވެ. އެހެނަސް އެކަނިވެރިކަމުގެ ވަބާއަކީ ތިމާ ވަށައިގެން މީހުން މައުޖޫދުވެގެންވުމާ އެކުގައި ވެސް، އިޖުތިމާޢީ ގޮތުން އެމީހުންނާ ގުޅުމެއް ނެތް ކަމަށް ޤަބޫލުކުރެވުމެވެ.
ދައުލަތްތަކުގެ ޙުކޫމަތްތަކާއި ޞިއްޙީ ނިޡާމުގެ ބޭފުޅުންނާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މާހިރުންގެ އަރިހުގައި މިއީ ކުޑަކަމެއް ނޫނެވެ. މިބޭބޭފުޅުން ދެވިލައްވާ ގޮތުގައި، މިކަމަކީ ޖިސްމާނީ އަދި ނަފްސާނީ ހެޔޮޙާލަށް ހުރި ބޮޑުވެގެންވާ ނުރައްކަލެކެވެ.
މައްސަލަ ބޮޑުވެފައި ވަނީ ކިހައި ވަރަކަށް؟
-2023 ވަނަ އަހަރު އެކަނިވެރިކަމުގެ ވަބާއަކީ އެމެރިކާގެ ޢާންމު ޞިއްޙަތަށް ހުރި ޤައުމީ ނުރައްކަލެއް ކަމުގައި ކަނޑައެޅުނު.
-އިނގިރޭސިވިލާތުގައި 2018 ވަނަ އަހަރު "އެކަނިވެރިކަމާ ބެހޭ ވަޒީރެއް" ޢައްޔަން ކުރެވުނު. އަދަށް ދާން ދެން ވެސް އެޤައުމުގައި އެކަނިވެރިކަމުގެ ވަޒީރެއް ހުންނަވާ.
-ޖަޕާނާއި އޮސްޓްރޭލިޔާގައި އެކަނިވެރިކަމާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެން ދިޔަ.
އެކަނިވެރިކަމަކީ ހަމައެކަނި މުސްކުޅީންނަށް ކުރިމަތިވާ ކަމެއްތަ؟
ބޮޑެތިމީހުންނާއި މުސްކުޅީންނަށް މިމައްސަލަ ކުރިމަތި ވަމުން ދިޔަ ނަމަވެސް، އަދުގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެކަނިވެރިކަމުގެ ވަބާ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ޒުވާން ޖީލުގެ ދަރީންނަށެވެ. މިކަމުގައި އިނގިރޭސިވިލާތުގެ ބައެއް ތަފާސްޙިސާބުތަކަށް ބަލައިލާ އިރު، 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން، ޢާންމު ގޮތެއްގައި އެކަނިވެރިކަމުގެ ޝުޢޫރުތައް އިޙުސާސްކުރެވޭ ފަރާތްތައް ނިސްބަތުން 10 އިންސައްތަ އަށް އަރާފައިވެއެވެ. އަދި ބައެއް ފަހަރު އެކަނިވެރިވަނީ 40 އިންސައްތަ ޒުވާނުންނެވެ. 30 އަހަރާއި 49 އަހަރާ ދެމެދުގެ ފަރާތްތަކުގެ ތެރެއިން ޢާދައިގެ މަތިން އެކަނިވެރިވަނީ އެންމެ 8 އިންސައްތައެވެ. ޙާލަކުން ވަރިއަކު އެކަނިވެރިވަނީ 29 އިންސައްތަ މީހުންނެވެ. މުސްކުޅީންގެ ތެރެއިން މިދެޢަދަދުގެ ނިސްބަތަކީ 3.7 އިންސައްތަ އާއި 17 އިންސައްތައެވެ.
ކައިރީގައި އަބަދު މީހުން އުޅޭއިރު އެކަނިވެރިވާންވީ ކީއްވެ؟
ޒަމާނީ "ކުރިއެރުން" ތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅި ވަނީ އެކީއެކަށް ބަދަލުވެފައެވެ. މިގޮތުން، އެކަނިވެރިކަން އިތުރުވާން މެދުވެރިވާ ބައެއް ސަބަބުތަކަކީ:
-އިޖުތީމާޢީ ވިޔުގަތައް ބޭނުންކުރުން: ދިގުދެމިގެންދާ ގޮތަށް ގިނަގިނައިން އިޖުތިމާޢީ ވިޔުގަތައް ބޭނުންކުރުމުން، ޙަޤީޤީ އިޖުތިމާޢިއްޔަތަށް ދެވޭ ސަމާލުކަން އިންތިހާއަށް ކުޑަވެގެން ދެއެވެ.
-ގޭގައި މަސައްކަތް ކުރުން: މިކަމުގެ ސަބަބުން މަސައްކަތުގެ މާޙައުލުގެ ޙަޤީޤީ ބަދަހިކަމުން މަޙުރޫމުވެގެން ދެއެވެ.
-ތަރައްޤީވެފައި ހުންނަ ރަށްތަކަށް ދިރިއުޅުން ބަދަލުކުރުން: މިކަމުގެ ސަބަބުން ތިމާ އެރަށަކަށް އައު ވެފައި، ދަންނަ މީހުން ނުތިބެފައި، އެރަށުގެ މާޙައުލަށް ހޭނޭން އުނަދަގޫ ވެގެން ދެއެވެ.
މުސްކުޅީން ބާކިކުރުން: މިޒަމާނުގައި މުސްކުޅީން ބަލައިދޭ ތަންތަން ހުރުމުގެ ސަބަބުން، އަމިއްލަ މައިންބަފައިން އެތަންތަނަށް ގެންދާ މީހުން އުޅެއެވެ. މިކަމުގެ ސަބަބުން އެމައިންބަފައިން އެކަނިވެރިވެ ހިތްދަތިވާގޮތް ވެއެވެ.
ލަދުގަތުން: ތިމާއަށް އެކަނިވެރިކަމުގެ އިޙުސާސް ކުރެވޭ ކަމަށް އިޢުތިރާފުވުމަށް ލަދުން، އެކަމަށް ޙައްލު ހޯދަން ޖެހިލުންވެވޭ ގޮތް ވެއެވެ.
މިސަބަބުތަކުގެ އިތުރުން، 2019 ވަނަ އަހަރުގެ ފަހު ކޮޅު ފައުޅުވި ކޯވިޑު ވަބާގެ ސަބަބުން، ކަރަންޓީނުވެ ގޭގައި ތިބެ، "އިޖުތިމާޢީ ދުރުމިން" ދަމަހައްޓާން ޖެހުނެވެ. މިކަމުގެ ސަބަބުން، އެކަނިވެރިކަމުގެ ވަބާގެ ހުޅުގަނޑަށް އިތުރަށް ދަރު އެޅިގެން ދިޔައެވެ.
އެކަނިވެރިކަމުގެ ވަބާ ޙާއްލުކުރާނީ ކިހިނެތް؟
އިނގިރޭސިވިލާތުން އެކަނިވެރިކަމުގެ ވަޒީރެއް ޢައްޔަނުކުރީ މިސުވާލަށް ޖަވާބުހޯދުމަށެވެ.
އެކަނިވެރިކަމުގެ ވަބާ ނައްތާލުމަށް އިޖުތިމާޢީ ފެންވަރާއި ފަރުދީ ފެންވަރުގައި މަސައްކަތް ކުރާން ޖެހެއެވެ.
މިކަމުން ސަލާމަތްވުމަށް އިޖުތިމާޢީ ފެންވަރުގައި ކުރެވިދާނޭ ކަންކަން:
-ސަރުކާރުން އިޖުތިމާޢީ މަރުކަޒުތައް ބިނާކުރުން
-އިޖުތިމާޢީ ޙަރަކާތްތައް އިންތިޡާމުކުރުން
-އެކަނިވެރިކަމާ މެދު ހޭލުންތެރި ކުރުވުން
ފަރުދީ ފެންވަރުގައި ކުރެވިދާނޭ ކަންކަން:
-ލަދުގަތަސް، މީހުންނާ މުޢާމަލާތު ކުރުން. ދަންނަ މީހުންނާ ވާހަކަދެއްކުން އިތުރުކުރާން މަސައްކަތް ކުރާށެވެ. އެއަށް ފަހު ނުދަންނަ މީހުންނާ ވާހަކަދައްކާން ފަށާށެވެ. މިގޮތުން، ތިމާ ނުދަންނަ މީހަކަށް ވިޔަސް، މުސްލިމަކު އެކަކު އަނެކަކަށް ސަލާމްގަލާމް ކުރުމަކީ އިސްލާމީ ރިވެތި ޢާދައެކެވެ.
-އެކަނިވެރިކަން ފިލުވުމަށް އިޖުތިމާޢީ ވިޔުގަތަކަށް ބަރޯސާވުމުގެ ބަދަލުގައި، ބޭރުތެރެއަށް ނުކުމެ އުޅުން. މަދުމަދުން ނަމަވެސް ނުކުންނާން ފެށީމާ ގުޅުންތައް އުފެދޭން ފަށާނެއެވެ.
-ތިމާ އަކީ އިޖުތިމާޢީ ބިރު ނުހުންނަ ފަރާތެއް ނަމަ، އެކަނިވެރި ހެން ހީވާ ފަރާތްތަކާ ވާހަކަދައްކާލުން. މިކަމުގެ ސަބަބުން އެކަނިވެރިވެފައިވާ ފަރާތުގެ އެކަނިވެރިކަން ފިލައި، ހިތްހަމަޖެހުން ލިބޭނެއެވެ.
ފަހުބަސް
އިންސާނުންނަށް އިންސާނުންނޭ ކިޔާ ނަންދޭން ޖެހުނީ ދެސަބަބަށްޓަކައެވެ. މިދެސަބަބުގެ ތެރެއިން އެއް ސަބަބަކީ، އާދެ މިމަޤާމުގައި ނަންގަތުން މުނާސިބު ސަބަބަކީ، އިންސާނުންނަށް "އުންސް" (أُنْس) މިޞިފަ ލިބިގެންވުމެވެ. ޢަރަބި ބަހުގައި އުންސަކީ އެކުއެކީގައި ގުޅިގެން އުޅުމެވެ. ޢަރަބި ލަފުޡު "އިންސާން" (إنسَان) ނެގިފައިވާ އަޞްލަކީ މިއީ އެވެ. އެއަށް ފަހު، ދިވެހި ބަހަށް މިލަފުޡު ވަދެގެން ދިޔައީއެވެ. ވީމާ، އެކުވެރިކަމާއި ބަދަހިކަމަކީ އިންސާނުން އިންސާނުންނަށް ވާ މައިގްނޑު އެއް ސަބަބެވެ. ކަން މިހެން ވުމާއެކު، އެކަނިވެރިކަމުގެ ވަބާ ނައްތާލުމަކީ ލާޒިމުވެގެންވާ ކަމެކެވެ. އެއީ އިންސާނިއްޔަތުގެ ޙަޤީޤަތް ރައްކާތެރިކުރުމަށް ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ. މުޖުތަމަޢުގެ ކުރިއެރުމަށް ކޮންމެހެން މުހިންމު ކަމެއްމެއެވެ.
ވުމުން، އެކަނިވެރިކަމުގެ ވަބާއާ މެދު ހޭލުންތެރިކަން އިތުރުކޮށް، މިކަން ޙައްލުކުރުމަށް އޮތް ޒިންމާ އަދާކުރައްވާނޭ ކަމުގައި އުންމީދުކުރަމެވެ.