ކޮލަމް

މިއީ ވެސް އިހުތިރާމް ހައްގު ގަދަރުވެރި މަސައްކަތްތެރިން

މިއީ ވެސް އިހުތިރާމް ހައްގު ގަދަރުވެރި މަސައްކަތްތެރިން

ފޮޓޯ:ފަރުދުން

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

17 ނޮވެމްބަރު 2026، 11:49

17 ނޮވެމްބަރު 2026، 11:49

އިހުތިރާމް ކުރުމަކީ އަނެކާއަށް ގަދަރުކުރުމާއި ކަމޭހިތުމެވެ. ދިވެހި ބަހުގެ ރަދީފުގައި ވެސް "އިހުތިރާމް" މާނަކޮށްފައިވަނީ މިފަދައިންނެވެ. ކަމޭހިތުމަކީ މީހުންނާމެދު މާތްކޮށް ހިތައި، އޯގާވެރިވުމެވެ. އަދި އޯގާވެރިވުމަކީ މީހުންނަށް ހެޔޮވުމާއި ހިތްހެޔޮކަމާއެކު ރަހުމުކުރުމެވެ. މާތްވެގެންވާ އިސްލާމްދީން ބާރުއަޅަނީ އިންސާނާގެ ޒާތަށާއި އޭނާގެ އިންސާނިއްޔަތުކަމަށްޓަކައި ކޮންމެ މީހަކަށް ވެސް ހައްގު އިހުތިރާމް އަދާކުރުމަށެވެ. ދޭދޭ މީހުންގެ މެދުގައި ޒަމާނުއްސުރެ ދެކެވެމުން އައިސްފައިވާ ވާހަކަތަކުންނާއި، ކާބަފައިންގެ ޅެންތަކާއި ރައިވަރުތަކުން ސާބިތުވާ ގޮތުގައި، ދިވެހިންގެ ކިބައިގައި ހުރި އެންމެ ފުރިހަމަ އަދި އެންމެ ރީތި އެއް ސިފައަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ މަތިވެރި ސިފައެވެ.

މީލާދީން 14 ވަނަ ޤަރުނުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި މަޣުރިބު ކަރައިގެ މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާ، އޭނާގެ ދަތުރުނާމާގައި ދިވެހިން ސިފަކުރައްވާފައިވަނީ މީހުންނަށް އިހުތިރާމް ކުރުމާއި އޯގާތެރިކަމުގެ ދިރިހުރި ނަމޫނާއެއްގެ ގޮތުގައެވެ. ދިވެހިންނަކީ ޞާލިޙު، މަޑުމައިތިރި، އަދި ހަލާލު ރިޒުޤުން ކައިގެން ދިރިއުޅޭ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ރަށަށް އަންނަ މެހުމާނުންނަށް ކަމޭހިތުމާއި، ތިމާއަށްވުރެ ޢުމުރުން ދޮށީ މީހުންނަށާއި، ޢިލްމުވެރިންނަށާއި، މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނަށް ހައްގު ގަދަރުދޭ ބައެއްގެ ގޮތުގައި އިބްނު ބަޠޫޠާ ދިވެހިންނަށް ތަޢުރީފު ކުރެއްވިއެވެ. ނަމަވެސް، ހިތާމައަކީ ޒަމާނަށް އައި ބަދަލުތަކާއެކު، އަޅުގަނޑުމެންގެ ތެރެއިން މި ރީތި ސިފަތައް މަޑުމަޑުން ފަނޑުވަމުން ދިޔުމެވެ. އަދި ބުރަ މަސައްކަތްކުރާ ބައެއް ފަރާތްތަކާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުވެ، އެމީހުންގެ އަގު ވަޒަންނުކުރެވޭ މަންޒަރު ފެންނަމުން ދިޔުމެވެ.

މިސާލަކަށް ކެފޭއަކުން ނުވަތަ ރެސްޓޯރަންޓަކުން ފެންނަ ވެއިޓަރަކަށް ބަލައިލަމާތޯއެވެ. އޭނާ ކޮންމެ ދުވަހަކު އެތައް ބައެއްގެ ސުފުރާމައްޗަށް އެތަކެއް ސައި ޖޯޑާއި ކާބޯތަކެތި ހިނިތުންވުމާއެކު ގެނެސްދެއެވެ. އެފަދަ ހަލަބޮލި އަދި ބާރުބޮޑު މާޙައުލެއްގައި ޚިދުމަތް ދިނުމުގެ ތެރޭގައި، ސައި ޖޯޑު ލަސްވުމަކީ ނުވަތަ އޯޑަރު ބަދަލުވުމަކީ ވެދާނެ ކަމެކެވެ. "ބުޅި ކެނޑޭނީ ވެސް ކެޔޮޅުންގެ އަތުންނޭ" ބުނާ އުސޫލުން، އިންސާނަކަށްވީތީ އެމީހުންގެ އަތުން ވެސް ކުށެއް ކުރެވިދާނެކަން އަޅުގަނޑުމެން ހަނދާން ބަހައްޓަން ޖެހެއެވެ. އެފަދަ ހާލަތްތަކުގައި ރުޅިވެރިކަމުގެ ބަދަލުގައި ކެތްތެރިކަން އިސްކޮށް، ހިނިތުންވުމަކާއެކު މުޢާމަލާތްކޮށް، އެމީހުންގެ ބުރަ މަސައްކަތަށް "ޝުކުރިއްޔާ" އޭ ބުނެލުމަކީ އެމީހުންގެ ހިތަށް ބަޔާންކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެކެވެ.

ހަމައެހެންމެ، މަގުމަތިން ފެންނަ ބުރަ މަސައްކަތްތެރިންގެ ހާލަކީ ވެސް މިއީއެވެ. މިދާކަށް ދުވަހު ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެއްގައި، ވިއްސާރައިން ހިޔާވާން މަޑުކޮށްލައިގެން ހުރި ވަގުތު ލޮލުގައި އަޅައިގަތީ ވެމްކޯގެ ޔުނީފޯމާއި އެކު ވިއްސާރަ ކޯޓެއް ލައިގެން ހުރި މަސައްކަތްތެރިއެކެވެ. އޭނާ ހުރީ އެތައް ބަޔަކު އުކާލާފައިވާ ބޮޑެތި، ބަރު ކުނި ކޮތަޅުތަކެއް ކޮނޑުމައްޗަށް ލައިގެންނެވެ. އެ ކޮތަޅުތައް އުނދަގުލާއެކު ވެހިކަލަށް އެރުވުމަށްފަހު، އެންމެ ވަގުތުކޮޅަކަށް ވެސް އަރާމުކޮށްނުލައި އޭނާ އަވަސްވެގަތީ ކުރިމަތީގައި ހުރި އަށް ފަންގިފިލާގެ އުސް ޢިމާރާތާ ދިމާއަށެވެ. އެ ޢިމާރާތުގައި ލިފްޓެއް ނެތްނަމަ، އެތައް ފަންގިފިލާއެއްގެ ސިޑިން އަރައި ފައިބަން އޭނާ އުފުލާނެ ތަކުލީފު ހިތަށް ގެންނަން ވެސް ދައްޗެވެ. އަޅުގަނޑުމެންގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ދަލާއި ލޭ އޮހޮރުވައިގެން މިފަދަ މަތިވެރި ޚިދުމަތެއް އަދާކުރާ ފަރާތްތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޚާއްޞަ ޤަދަރަކާއި އިހުތިރާމެއް އޮންނަން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

މީގެ އިތުރުން، އޮފީސްތަކާއި ކުންފުނިތަކުގައި އަންހެނުންގެ ދުވަހާއި ފިރިހެނުންގެ ދުވަސް ފަދަ ޚާއްޞަ މުނާސަބަތުތައް ވަރަށް ކުލަގަދަކޮށް ފާހަގަކުރާތަން ފެނެއެވެ. މުވައްޒަފުންނަށް ހަދިޔާ ބަހައި، ފޯރިގަދަ ކެއުންތައް ބާއްވާއިރު، ގިނަ ފަހަރަށް އެ ތަންތަނުގައި މަސައްކަތްކުރާ ސާފުކުރާ މީހުންނާއި މަސައްކަތު މީހުން މި އުފަލުން މަހުރޫމުވެ، އެއްފަރާތް ކުރެވިފައި ތިބޭ މަންޒަރު ފެނުމަކީ ހިތާމަހުރި ކަމެކެވެ. މުއައްސަސާއެއް ފުރިހަމައަށް ހިންގުމުގައި އެންމެ އިސްވެރިޔާ ފަދައިން، އެންމެ އާދައިގެ މަސައްކަތު މީހާގެ ދައުރު ވެސް ނުހަނު ބޮޑެވެ. އެހެންކަމުން، މިފަދަ އުފާވެރި މުނާސަބަތުތަކުގައި އެމީހުން ޝާމިލުކޮށް، ހަދިޔާ ދިނުމާއި އުފަލުގައި ބައިވެރިކުރުމަކީ އެމީހުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންނަށް ދެވޭނެ އެންމެ މަތިވެރި އެއް އިހުތިރާމެވެ.

އަޅުގަނޑުމެން ވިސްނަންވީ އެންމެ އަސާސީ ހަގީގަތަކީ، ޙަލާލު ގޮތުގައި ކުރާ އެއްވެސް މަސައްކަތަކީ ދެރަ ނުވަތަ ނިކމަެތި މަސައްކަތެއް ނޫން ކަމެވެ. އަދި އިހުތިރާމަކީ ހަމައެކަނި މީހާ އަދާކުރާ ވަޒީފާއަކަށް، މުއްސަނދިކަމަކަށް ނުވަތަ ލައިގެން ހުންނަ ފޭރާމަކަށް ބަލައިގެން ދޭންޖެހޭ އެއްޗެއް ވެސް ނޫނެވެ. އިންސާނަކަށްވީތީ، ކޮންމެ މީހަކަށް ވެސް އިންސާނީ ކަރާމާތާއި ގަދަރު ފުރިހަމައަށް ލިބެންޖެހެއެވެ.

އެހެންކަމުން، މި ހިނގާ މަހުގެ 14 ވަނަ ދުވަހު ސަރުކާރުން އިސްނަންގަވައިގެން ފައްޓަވާފައިވާ އިހުތިރާމް ކުރުމުގެ ޤައުމީ ކެމްޕޭނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަޚްލާޤީ ފޭރާން އަލުން ޒީނަތްތެރިކުރުމަށް ލިބުނު އަގުހުރި ރަނުގެ ފުރުޞަތެކެވެ. ތަފާތުކުރުމެއް ނެތި، އެންމެންނަށް އިހުތިރާމް ކުރުމުގެ އާ ފެށުމަކުން އަޅުގަނޑުމެން މިއަދު ފަށަމާތޯއެވެ! ހަނދާން ބަހައްޓަންވީ މަތިވެރި ހަގީގަތަކީ، ތިމާއަށް އަނެކާގެ ފަރާތުން ހައްގު އިހުތިރާމް ލިބޭނީ، ތިމާ ވެސް އަނެކާއަށް ފުރިހަމައަށް އިހުތިރާމް ދީގެން ކަމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450