ކޮލަމް / ސައިންސް
ފައިސާއިން އުފާވެރިކަން ގަނެވޭނެތަ؟ ސައިންސްވެރިންގެ ދިރާސާއަކުން ހައިރާންކުރަނިވި ނަތީޖާއެއް!

ފައިސާއިން އުފާވެރިކަން ގަނެވޭނެތަ؟
ފައިސާއިން އުފާވެރިކަން ގަނެވޭނެތޯ ނުވަތަ ނޫންތޯ މިއީ އިންސާނިއްޔަތު އުފެދުނީއްސުރެ ބަހުސްކުރަމުން އަންނަ މައުޟޫއެކެވެ. މި ސުވާލަށް ސައިންޓިފިކް ގޮތުން ޖަވާބެއް ހޯދުމަށް ސައިންސްވެރިން ކުރި ދިރާސާއެއްގެ ނަތީޖާ މިހާރު ވަނީ ހާމަކޮށްފައެވެ. މި ދިރާސާގެ ނަތީޖާއިން ދައްކަނީ ގިނަ ފައިސާއަކީ ވަކިވަރަކަށް އުފާވެރިކަން އިތުރުކުރާ ކަމެއް ކަމަށެވެ.
މި ދިރާސާ ޝާއިއުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ސައިންޓިފިކް ޖާނަލް "ޕީއެންއޭ" މެދުވެރިކޮށެވެ. މުޖުތަމަޢުގައި އެތައް އަހަރެއް ވަންދެން ބަހުސްކުރަމުން އައި މި މުހިންމު ސުވާލުގެ ޖަވާބު ހޯދުމަށް މި ދިރާސާ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.
މި ދިރާސާ ހެދުމަށްޓަކައި 200 މީހުންނަށް ވަނީ ބައިވެރިކުރެވިފައެވެ. އޭގެތެރެއިން ކޮންމެ މީހަކަށް 10،000 ޑޮލަރު (ގާތްގަނޑަކަށް 154،000 ދިވެހި ރުފިޔާ) ދީފައިވެއެވެ. މި ފައިސާ ހޭދަކުރަންޖެހުނީ އެންމެ ތިން މަސް ދުވަހުގެ ތެރޭގައެވެ. ދިރާސާގައި ބައިވެރިވި ފަރާތްތަކަށް ކޮންމެ މަހަކުވެސް އެމީހުންގެ އުފާވެރިކަން ހުރި މިންވަރު ރޭޓް ކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މި ތަޖުރިބާގައި ކޮންޓްރޯލް ގްރޫޕެއްވެސް ބައިވެރިވެފައިވެއެވެ. އެ ގްރޫޕަށް ލިބިފައިވަނީ އަނެއް ގްރޫޕަށް ލިބުނު ފައިސާއާ އެއްވަރުގެ އަދަދެއް ނޫނެވެ.
މި ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ގިނަ ފައިސާ ލިބުނު މީހުންނަށް އެ ތިން މަސް ދުވަހުގެ ފަހުން "އިތުރަށް އުފާވެރިކަން" ލިބިފައިވެއެވެ. މިއީ އެމީހުންގެ އާމްދަނީއަށް ބަލައިގެން ލިބުނު ކުރިއެރުމެކެވެ. ހައިރާންކުރަނިވި ކަމަކީ، ފައިސާ ހޭދަކުރަން ދިން މުއްދަތު ހަމަވުމަށްފަހުވެސް އެމީހުންގެ އުފާވެރިކަން އެހާ މަތީ ދަރަޖައެއްގައި ދެމިއޮތުމެވެ.
އަދި އެވްރެޖްކޮށް އާމްދަނީ ދަށްކޮށްލިބޭ މީހުންނަށް އުފާވެރިކަން އިހްސާސް ކުރެވުނު މިންވަރު މަތިވިއެވެ. ނަމަވެސް މުސާރަ ބޮޑު މީހުންނަށް މިކަން ތަފާތުވިއެވެ. ބައެއް ބައިވެރިންގެ މޫޑަށް އެއްވެސް ބަދަލެއް އައި ތަނެއް މި ދިރާސާގައި ފާހަގަވެފައެއް ނުވެއެވެ. މިކަމުން ދޭހަވަނީ ފައިސާގެ ސަބަބުން އުފާވެރިކަން އިތުރުވާ މިންވަރު ކޮންމެ މީހެއްގެ އާމްދަނީއާ ގުޅިފައިވާކަމަށެވެ.
މި ނަތީޖާއަކީ ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ކަމެއްނޫން ނަމަވެސް، ހަމައެކަނި “ކޭޝް އިންޖެކްޝަން” ކުރުމަކީ ވަކި މުއްދަތެއްގެ ތެރޭގައި މީހުންގެ އުފާވެރިކަމަށް އެހީތެރިވެދޭނެ ކަމެއްކަން މި ދިރާސާއިން ހާމަވެގެންދިޔައެވެ.
މި މުހިންމު ދިރާސާ އިންތިޒާމް ކުރެއްވީ ޓެޑްކްރިސް އެންޑަސަން އެވެ. ދިރާސާގައި ބައިވެރިވި ފަރާތްތަކަށް މިދިރާސާގެ އަސްލު ބޭނުން އެނގިފައިނުވަނީ، އެމީހުން ސޮއިކުރީ "މިސްޓަރީ އެކްސްޕެރިމެންޓް" (ސިއްރު ތަޖުރިބާއެއް) އެއްގައި ކަމަށްވާތީއާއި، ސާފު މައުލޫމާތެއް ނެތި ކަމަށް ވާތީއެވެ.
2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ މި ދިރާސާގައި ބައިވެރިވުމުގެ ޝަރުތަކީ އުމުރުން 21 އަހަރުން މަތީގެ މީހެއްކަމުގައި ވުމާއި، އިނގިރޭސި ބަހުން ވާހަކަދައްކަން އެނގުމެވެ. މާކެޓްވޮޗް މެދުވެރިކޮށް ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، މި ދިރާސާގައި ބައިވެރިވި ގިނަ ބަޔަކަށް މި ތަޖުރިބާއަކީ ހަގީގަތުގައި ވެސް ހަގީގީ ތަޖުރިބާއެއް ކަމަށް ގަބޫލުކުރަން ދަތިވިއެވެ.
މި ދިރާސާއަށް ހޮވުނު މީހުންނަކީ އާމްދަނީ ދަށް ތިން ގައުމެއް ކަމަށްވާ ބްރެޒިލާއި، އިންޑޮނޭޝިއާ އަދި ކެންޔާގެ ރައްޔިތުންނެވެ. މީގެ އިތުރުން އާމްދަނީ ބޮޑު ހަތަރު ގައުމެއް ކަމަށްވާ އޮސްޓްރޭލިއާ، ކެނެޑާ، އިނގިރޭސިވިލާތް (ޔޫ.ކޭ) އަދި އެމެރިކާގެ ރައްޔިތުންވެސް މި ދިރާސާގައި ބައިވެރިވެފައިވެއެވެ. މި ނަތީޖާތަކުން ފާހަގަވީ، އާމްދަނީ ބޮޑު ގައުމުތަކުން އައި މީހުންނާ އަޅާބަލާއިރު، އާމްދަނީ ދަށް ގައުމުތަކުގެ މީހުންގެ އުފާވެރިކަމަށް ވަނީ ފައިސާއާއެކު ބޮޑު ބަދަލެއް އައިސްފައިކަމެވެ. މާނައަކީ، މާލީ ހާލަތު ދަށް މީހުންނަށް ފައިސާގެ ސަބަބުން އުފާވެރިކަން އިތުރުވި މިންވަރު، މާލީ ގޮތުން ބަދަހި މީހުންނަށްވުރެ ބޮޑުކަމެވެ.