ސައިންސް
އަލްޒައިމާސްގެ ދިރާސާއަކުން ސީޓީއީ ދެނެގަތުމަށް އައު އުއްމީދެއް
އަލްޒައިމާސްގެ ދިރާސާއަކުން ސީޓީއީ ދެނެގަތުމަށް އާ އުއްމީދެއް
އަލްޒައިމާސް ބައްޔާ ގުޅިފައިވާ ވިހަ ޕްރޮޓީނެއް ބޭނުންކޮށްގެން، ބޮލަށް ތަކުރާރުކޮށް އަނިޔާވުމުގެ ސަބަބުން ކުޅިވަރު ކުޅުންތެރިންނަށް ޖެހޭ ސިކުނޑީގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކްރޮނިކް ޓްރޮމެޓިކް އެންސެފަލޮޕަތީ (ސީޓީއީ) ދެނެގަތުމަށް އެހީތެރިވެދާނެ ކަމުގެ އައު އިޝާރާތެއް ސައިންސްވެރިން
ނަށް ފެނިއްޖެއެވެ.
މިއީ ފުޓުބޯޅަ ކުޅުންތެރިން ފަދަ ބޮލަށް އަނިޔާވާ ފަރާތްތަކުގެ ސިކުނޑިއަށް ލިބޭ ގެއްލުންތައް ދެނެގަތުމުގައި ލިބުނު މުހިންމު ކުރިއެރުމެކެވެ.
އާންމުކޮށް ސީޓީއީ ހުންނަ މީހުންގެ ކިބައިން މޫޑު ބަދަލުވުމާއި ހަނދާން ނެތުން ފަދަ އަލާމާތްތައް ފެނުނު ނަމަވެސް، އެހެން ބަލިތަކުގައި ވެސް މިފަދަ އަލާމާތްތައް ފެންނާތީ މި ބަލި ދިރިހުންނަ އިރު ޔަގީންކޮށް ދެނެގަތުމަކީ ޑޮކްޓަރުންނަށް ބޮޑު ގޮންޖެހުމެކެވެ. މިހާތަނަށް ސީޓީއީ ބަލި ޔަގީންކުރެވެނީ މީހާ މަރުވުމަށްފަހު ސިކުނޑި ޓެސްޓުކޮށްގެންނެވެ. ނަމަވެސް، ވޮޝިންގޓަން ޔުނިވަރސިޓީ އިން ސެއިންޓް ލޫއީސްގެ ދިރާސާވެރިން ވަނީ އަލްޒައިމާސް ބައްޔާ ގުޅުންހުރި "ޓައު" (tau) ޕްރޮޓީންގެ ބައެއް ކަމަށްވާ "eMTBR-tau243" ދިރާސާކުރުމުގެ ތެރޭގައި، އަލްޒައިމާސް ނެތް ނަމަވެސް ސީޓީއީ ބަލި ބޮޑުވެފައިވާ މީހެއްގެ ސާމްޕަލުން މި ބަޔޯމާކަރު މަތީ މިންވަރަކަށް ފެނިފައިވާކަން ފާހަގަކޮށްފައެވެ.
މި ހޯދުމާއި ގުޅިގެން ދިރާސާވެރިން ވަނީ ސީޓީއީ ބަލި ޖެހިފައިވާ ކަމަށް ކަނޑައެޅިފައިވާ 11 މީހެއްގެ ރައްކާކުރެވިފައިވާ ލޭގެ ސާމްޕަލްތައް ޓެސްޓުކޮށްފައެވެ. ދިރާސާގައި ބައިވެރިވެވަޑައިގެންނެވި ވޮޝިންގޓަން ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ އޮފް ނިއުރޮލޮޖީ ޗިހީރޯ ސާޓޯ ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބި މީހުންނާ އަޅާބަލާއިރު ސީޓީއީ ބަލި ވަރަށް ބޮޑަށް ފެތުރިފައިވާ މީހުންގެ ލޭގައި މި ބަޔޯމާކަރު މަތީ މިންވަރަކަށް ހުރި ކަމަށެވެ. އެހެންނަމަވެސް، ބަލީގެ ކުރީކޮޅުގައި މި މާކަރު ބޭނުންކޮށްގެން ބަލި ދެނެގަތުމަކީ އަދި އިތުބާރު ހުރި ގޮތެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ދިރާސާގައި ބައިވެރިވެވަޑައިނުގަންނަވާ ނޯތުވެސްޓަރން ޔުނިވަރސިޓީގެ ނިއުރޯޕެތޮލޮޖިސްޓެއް ކަމަށްވާ ޑރ. ރުޑޮލްފް ކަސްޓެލާނީ ވިދާޅުވީ، މިއީ ޝައުގުވެރި ނަމަވެސް ވަރަށް ފުރަތަމަ މަރުހަލާގެ ހޯދުމެއް ކަމަށާއި، މި ގުޅުން ކަށަވަރުކުރުމަށްޓަކައި މިއަށްވުރެ މާ ބޮޑެތި ދިރާސާތައް ބޭނުންވާނެ ކަމަށެވެ. މީގެއިތުރުން، އުމުރުން ދުވަސްވީ މީހުންގެ ސިކުނޑީގެ ތަފާތު ބަލިތަކުގައި މިފަދަ އާދަޔާޚިލާފު ޕްރޮޓީންތައް ފެންނާތީ، ސީދާ ސީޓީއީއާ ހުރި ގުޅުން ވަކިކޮށް ދެނެގަތުމަކީ އުނދަގޫ ކަމެއްކަން ސައިންސްވެރިން ފާހަގަކުރެއެވެ.
މި ދިރާސާގެ ހޯދުންތައް މިހާރު ވަނީ ޖާމާ (JAMA) މެޑިކަލް ޖަރނަލްގައި ޝާއިއުކޮށް، ޖަޕާނުގައި ބޭއްވި ސައިންޓިފިކް ބައްދަލުވުމެއްގައި ހުށަހަޅާފައެވެ.