ސައިންސް / ޚަބަރު

އެޕަލްއިން މި ފަހަރު ފޯލްޑް ކުރެވޭ ފޯނެއް ވެސް ތައާރަފްކޮށްފި

އެޕަލްއިން މި ފަހަރު ފޯލްޑް ކުރެވޭ ފޯނެއް ވެސް ތައާރަފްކޮށްފި

އެޕަލް ޑުއޯ ދައްކާލުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ސެޕްޓެމްބަރު 2026، 12:48

10 ސެޕްޓެމްބަރު 2026، 12:48

އެޕަލްއިން އެ ކުންފުނީގެ އެންމެ ފުރަތަމަ ފޯލްޑަބަލް ސްމާޓްފޯނު، "އައިފޯން ޑުއޯ" ރަސްމީކޮށް ދައްކާލައިފިއެވެ. މިއީ މަލްޓިޓާސްކިންގ އާއި މުނިފޫހިފިލުވުން އަދި އުފެއްދުންތެރި މަސައްކަތްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ 7.6 އިންޗީގެ ބޮޑު ޑިސްޕްލޭއެއް ހިމެނޭ ފޯނެކެވެ.

މި ފޯނު ހުޅުވާލުމުން އެތެރޭގައި 7.6 އިންޗީގެ ސުޕަރ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭއެއް ފެންނައިރު، ފޯލްޑްކޮށްލުމުން ބޭރުގައި ބޭނުންކުރެވޭނީ 5.4 އިންޗީގެ ކޮމްޕެކްޓް ޑިސްޕްލޭއެކެވެ. އެޕަލްއިން ބުނާ ގޮތުގައި މި ފޯނުގެ އެތެރޭ ސްކްރީނަކީ އައިފޯން 18 ޕްރޯ މެކްސްގެ ސްކްރީނަށްވުރެ 50 އިންސައްތަ ބޮޑު ސްކްރީނެކެވެ.

މި ފޯނު ފަރުމާކޮށްފައި ވަނީ އެޕަލްގެ އެންމެ ފަހުގެ އޭ20 ޕްރޯ ޗިޕު ހިމަނައިގެންނެވެ. މި ޗިޕާއި، އެޑްވާންސް ތަރމަލް މެނޭޖްމަންޓް ސިސްޓަމް އަދި ޑުއަލް ބެޓެރީ ޑިޒައިންގެ ސަބަބުން، އައިފޯން 17 ޕްރޯ އަށްވުރެ 35 އިންސައްތަ އިތުރަށް މި ފޯނުގެ ޕާފޯމަންސް ދަމަހައްޓައިދެއެވެ. އަދި އެތެރޭ ސްކްރީން ބޭނުންކޮށްގެން މެދުނުކެނޑި 31 ގަޑިއިރު ވީޑިއޯ ބެލުމުގެ ގާބިލުކަން މި ފޯނަށް ލިބިގެންވެއެވެ.

އައިފޯން ޑުއޯގައި ހިމަނާފައިވަނީ 48 މެގަޕިކްސެލްގެ ފިއުޝަން މެއިން ކެމެރާ އަދި 48 މެގަޕިކްސެލްގެ ފިއުޝަން އަލްޓްރާ ވައިޑް ކެމެރާއެކެވެ.

އަދި މި ފޯނަކީ ފޯލްޑްކޮށްލެވޭ ފޯނެއްކަމުން ކެމެރާއަށް ވަނީ އާ ފީޗާތަކެއް އިތުރުކޮށްފައެވެ. އެގޮތުން ބޭރު ސްކްރީނުން ޕްރިވިއު ބަލައިގެން ފަހަތު ކެމެރާއިން ސެލްފީ ނެގުމާއި، މީހުން ފޮޓޯއަށް ތައްޔާރުވުމުން އަމިއްލައަށް ފޮޓޯ ނަގައިދޭ "ސްމާޓް ޓޭކް" ފަދަ ފީޗާތައް ހިމެނެއެވެ. މީގެ އިތުރުން ޑޮލްބީ ވިޝަންގައި ސިކުންތަކު 120 ފްރޭމް ރޭޓުގައި ވީޑިއޯ ރެކޯޑް ކުރެވެއެވެ.

އެޕަލްއިން ވަނީ މި ފޯނުގެ ބޮޑު ސްކްރީނަށް ހާއްސަކޮށް އައިއޯއެސް 27 އަލުން ފަރުމާކޮށްފައެވެ. މީގެ ތެރޭގައި އެއްފަހަރާ ދެ އެޕްލިކޭޝަން ހުޅުވައިގެން ބޭނުންކުރެވޭ "ސްޕްލިޓް ވިއު" އާއި، ސަފާރީ ފަދަ އެއް އެޕެއްގެ ދެ ވިންޑޯ އެއްފަހަރާ ހުޅުވައިގެން މައުލޫމާތު އަޅާކިޔުމުގެ ފަސޭހަކަން ހިމެނެއެވެ. ހަމައެއާއެކު، "އެޕަލް އިންޓެލިޖެންސް" އަދި އާ "ސިރީ އޭއައި" ގެ އެހީގައި ސްކްރީނުގައިވާ މައުލޫމާތު ދެނެގަނެ، އެޕްތަކުގެ ތެރެއިން އެކިއެކި ކަންކަން ފަސޭހަކަމާއެކު ކޮށްދެއެވެ.

އައިފޯން ޑުއޯ އުފައްދާފައިވަނީ ގްރޭޑް 5 ގެ ޓައިޓޭނިއަމް އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ހާއްސަ ހިންޖް (ގުޅުވައިދޭ ބައި) ބޭނުންކޮށްގެންނެވެ. ފެނާއި ހިރަފުހުން ރައްކާތެރިވުމަށް އައިޕީ68 ރޭޓިންގ ލިބިފައިވާ މި ފޯނުގެ ބޭރު ސްކްރީނުގައި ބޭނުންކޮށްފައިވަނީ ކުރީގެ ޖީލަށްވުރެ ތިން ގުނަ ވަރުގަދަ "ސެރަމިކް ޝީލްޑް 2" އެވެ.

މި ފޯނު ލިބެން ހުންނާނީ "ސްޓާރ ވައިޓް" އަދި "ނައިޓް ސްކައި" ކުލައިގައެވެ.

އައިފޯން ޑުއޯގެ ޕްރީ-އޯޑަރުތައް އަންނަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފަށާއިރު، އޮކްޓޯބަރު 23 އިން ފެށިގެން ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމުގައި ވިއްކަން ފަށާނެއެވެ. މި ފޯނުގެ 256 ޖީބީގެ އަގު ފެށެނީ 1,999 އެމެރިކާ ޑޮލަރުންނެވެ. އަދި 2 ޓީބީއާ ހަމައަށް ސްޓޯރޭޖް އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450