ކޮލަމް

އޯލެވެލް ނަތީޖާ: އަމިއްލަ ކަމެއްތަ، ނުވަތަ މުޖްތަމަޢުގެ ޒިންމާއެއްތަ؟

އޯލެވެލް ނަތީޖާ: އަމިއްލަ ކަމެއްތަ، ނުވަތަ މުޖްތަމަޢުގެ ޒިންމާއެއްތަ؟

ދަރިވަރުންތަކެއް އޯލެވެލް އިމްތިހާން ހަދަނީ/ފޮޓޯ: އެޑިޝަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޯގަސްޓު 2025، 08:01

29 އޯގަސްޓު 2025، 08:01

ހުލާސާ


އޯލެވެލް ނަތީޖާ އަކީ ކޮންމެ ދަރިވަރެއްގެ ދިރިއުޅުމުގައި ވެސް މުހިންމު ފިޔަވަޅެކެވެ. ނަތީޖާ އަންނަ ދުވަސް، ކުދިންނާއި ބެލެނިވެރިންނަށް ވެގެންދަނީ އައު އުންމީދުތަކަކާއި ބިރުވެރިކަން އެކުލެވިގެންވާ ދުވަހަކަށެވެ. ނަމަވެސް، މި ނަތީޖާ ލިބޭ ދުވަހާއި ދިމާކޮށް، އަމިއްލަ ދަރިވަރާއި ޢާއިލާއަށް ވުރެ އެހެން މީހުން މިކަން ބަލާ ހިތްވުމަކީ، އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވަރަށް ޢާންމުކޮށް ފެންނަ ކަމެކެވެ. މިކަމުގެ އަޑީގައިވާ ސަބަބުތަކާއި މީގެ ނޭދެވޭ އަސަރުތަކާ މެދު ވިސްނާލުން މުހިންމެވެ.

ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ދަރިވަރުންގެ ނަތީޖާއަށް އެހެން މީހުން މާ ބޮޑަށް ބަލާހިތްވުމުގެ އެތައް ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި، އެންމެ ފާހަގަކޮށްލެވެނީ މުޖްތަމަޢުގެ ވާދަވެރިކަމެވެ. ބެލެނިވެރިންގެ ތެރޭގައި އެކަކު އަނެކަކުގެ ދަރިންނާ އަޅާކިޔުމުގެ ނުބައި އާދަ އޮތުމުން، އެމީހުންގެ ދަރިންނަށް ވުރެ ރަނގަޅު ނަތީޖާއެއް އެހެން ކުއްޖަކަށް ލިބިއްޖެނަމަ، އެކަމުން އެމީހުންނަށް ނުތަނަވަސްކަމެއް ލިބެއެވެ. ހަމަ އެހެންމެ، ބައެއް މީހުންނަށް އެހެން މީހުންގެ ނަތީޖާ ރަނގަޅު ނުވުމުން އެމީހުންގެ އަމިއްލަ ނަފްސަށް ހިތްހަމަޖެހުމެއް ލިބޭ ކަމަށް ހީކުރެއެވެ. 

ނުވަތަ، އެހެން މީހުންގެ ނަތީޖާ ދަށްވުމުން އަމިއްލަ ނަފްސު މޮޅުކޮށް ދައްކުވައިލުމުގެ ބޭނުމުގައި މިފަދަ ކަންކަމަށް ފާރަވެރިވެއެވެ. އަދި ތަޢުލީމީ ކާމިޔާބީއަކީ ހަމައެކަނި މާރކްސް ގިނަވުން ކަމަށް ބަލައިގެން ހުންނަ ހަރުކަށި ވިސްނުން ވެސް މިފަދަ ކަންކަމަށް މަގުފަހިކުރުވައެވެ. ދަރިވަރެއްގެ އެހެން ހުނަރުތަކާއި ޤާބިލުކަން ނުދެކި، ހަމައެކަނި ނަތީޖާއަށް ބެލުމަކީ ބޮޑު ގޯހެކެވެ. ބައެއް ފަހަރު މިކަމަކީ، އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ސަމާލުކަން ނުދެވި، އެހެން މީހުންގެ ކަންކަމަށް ނަޒަރު ހިންގުމުގައި ވަގުތު ހޭދަކުރާ މީހުންގެ ފަރާތުން ފެތުރޭ އާދައަކަށް ވެސް ވެގެންދެއެވެ.

ދަރިވަރުން ހޯދާ ނަތީޖާއަށް ޢާއިލާ އަދި ދުރު މީހުން ކިޔާ ފާޑުކިޔުންތައް ހުއްޓުވުމަށްޓަކައި، ބެލެނިވެރިން އެކަމަށް ރައްދުދިނުމަކީ މުހިންމުކަމެކެވެ. އެގޮތުން، އަމިއްލަ ދަރިފުޅުގެ ނަތީޖާއަކީ އަމިއްލަ ކަމެއްކަމަށާއި އެކުއްޖާ ހޯދި ނަތީޖާއަށް ޝުކުރުވެރިވާކަން ބުނަންވާނެއެވެ. އަދި ކޮންމެ ކުއްޖަކީވެސް ތަފާތު ބޭނުންތަކާއި ހުނަރުތަކެއް ހުރި ކުއްޖެއް ކަމާއި، މާކްސް އަކީ ހުރިހާ އެއްޗެއް ނޫންކަން ބުނެދޭންވާނެއެވެ. ފާޑުކިޔުންތެރިންނަށް އެކަމަށް ފުރުޞަތު ނުދިނުމަށްޓަކައި އަމިއްލަ ދަރިފުޅު ކުރި ހިތްވަރާއި ބުރަ މަސައްކަތާ މެދު ފަޚުރުވެރިވާ މިންވަރު އެހެންމީހުންނަށް ވެސް ހާމަކޮށްދޭން ޖެހޭނެއެވެ.

އެހެން މީހުންގެ ނަތީޖާ ބަލައި، އެކަމަށް ފާޑުކިޔުމަކީ ދީނާއި މުޖްތަމަޢުގެ އަޚްލާޤީ އުޞޫލުތަކާ ވެސް ޚިލާފު ކަމަކަށް ވީއިރު، މިކަމުގެ ނޭދެވޭ އަސަރުތައް ވަރަށް ގިނައެވެ. އެގޮތުން، އެންމެ ބޮޑު އަސަރެއް ކުރަނީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށެވެ. ފާޑުކިޔުމުގެ ސަބަބުން ކުދިންގެ އަމިއްލަ އިތުބާރު ގެއްލި، ނުތަނަވަސްކަމާއި ދެރަވާގޮތް ވެއެވެ. އަދި ފާޑުކިޔުންތަކުގެ ސަބަބުން ޢާއިލީ ގުޅުންތައްވެސް ގޯސްވެ، ޢާއިލާތަކުގެ ދެމެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލި، ރުޅިވެރިކަމާއި ނުތަނަވަސްކަން އުފެދެއެވެ. މިފަދަ ކަންކަމުގެ ސަބަބުން މުޖްތަމަޢުގައި ވާދަވެރި ނަފްސެއް އުފެދި، ކާމިޔާބީއަކީ ހަމައެކަނި އެހެން މީހުންނަށް ވުރެ ކުރި ހޯދުން ކަމުގައި ދެކެން ފަށައެވެ.

އޯލެވެލް ނުނިމުނީމައި ދެން ކިޔަވައިގެން ވާނެ ކަމެއް ނެތް ކަމަށާއި،  ދަށް ނަތީޖާއެއް ލިބުނީމައި ކިޔަވަނީ ކީއްކުރަން ކަމަށް ބުނެ ދުލުން ބޭރުވާ ބަސްތަކަކީ، ދަރިވަރުންނާއި އެކުދިންގެ މައިންބަފައިންގެ ހިތް މަރާލާ، އުންމީދުތައް ކަނޑުވައިލާ ބަސްތަކެކެވެ. މިފަދަ ބަސްތަކުގެ ސަބަބުން ދަރިވަރުންގެ ހިތްމަރާލާ، ކުރިމަގަށް އޮތް ހިތްވަރާއި އުންމީދު ގެއްލި، މާޔޫސްކަން އާދެއެވެ. މައިންބަފައިންނަށް ފިއްތުންތައް ކުރިމަތިވެ، ދަރިންގެ ސަބަބުން ނުކުޅެދުންތެރިކަމުގެ އިހުސާސްތައް ކުރެވި، ކަންބޮޑުވެއެވެ. އަދި ތަޢުލީމީ ކުރިއެރުމަށްވެސް މިފަދަ ބަސްތަކުން ހުރަސްއެޅެއެވެ. ދަރިވަރުންގެ ކިޔެވުމަށް އޮންނަ ޝައުޤުވެރިކަން ކުޑަވެ ކުރިއަށް ދިއުމަށް ހުރަސްތައް ކުރިމަތިވެއެވެ.

އަހަރެމެންގެ މި ކުޑަކުޑަ މުޖްތަމަޢުގައި ކަޅު ލައްގަޑެއްހެން ފެތުރެމުންދާ މި މައްސަލަ ޙައްލުކުރެވޭނީ ހޭލުންތެރިކަމާއި، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުވެގެންނެވެ. ކޮންމެ ދަރިވަރަކީ ވެސް އެކުއްޖާގެ އަމިއްލަ ޤާބިލިއްޔަތާއި ހުނަރުތަކެއް ހުރި އިންސާނެއްކަން ޤަބޫލުކުރަން ޖެހެއެވެ. އެކި ދަރިވަރުންނަށް އެކި ދާއިރާތަކުން ކުރިއެރުން ލިބިދާނެކަމާއި، މާރކްސްގެ އަދަދަކުން އެކުއްޖެއްގެ ކުރިމަގު ކަނޑައެއް ނުލެވޭނެކަން އެންމެން ވެސް ވިސްނަންޖެހެއެވެ.

ދިވެހި މުޖްތަމަޢު ވާންވީ، އަމިއްލަ ދަރިންގެ ނަތީޖާއަށް ސަމާލުކަންދީ، އެހެން ދަރިންގެ ނަތީޖާއަށް ފާޑުކިޔުމުގެ ބަދަލުގައި، ހިތްވަރާއި އުންމީދު ދީ، ކުރިއަށް ދިއުމަށް ބާރުއަޅާނެ މީހުން އުޅޭ ފަދަ މުޖްތަމަޢަކަށެވެ. ކޮންމެ ދަރިވަރަކީ ވެސް އަޅުގަނޑުމެންގެ މުސްތަޤްބަލެވެ. އެކުދިންނަށް އުންމީދާއި ހިތްވަރު ދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އަދި ހިތާމަ ކުރުވާފަދަ ބަސްތަކުން ދުރުހެލިވުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން