ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް 2024) ގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުالله ޚަލީލް، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރިކްރިއޭޝަން، އަބްދުالله ރާފިޢު، އަދި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ އިރުތިޝާމް އާދަމް ހިމެނޭ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ޗޮގަމް 2024 ގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މައިގަނޑު ބައްދަލުވުންތަކާއި ހަވާސާ އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖެއާ ގުޅުންހުރި ބައިނަލްއަޤުވާމީ މުހިންމު މައްސަލަތަކާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ ތެރޭގައި ޗޮގަމް ކްލައިމެޓް ބްރެކްފާސްޓް، ކޮމަންވެލްތު ބިޒްނަސްފޯރަމް، އަދި އެސްއެމްއައިގެ ސީއީއޯ-ލީޑަރސް އިވެންޓް ހިމެނެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަމޯއާގެ ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްވެސް ކުރައްވައިފައެވެ. މީގެ އިތުރުން، ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައިވެސް ބައިވެރިވެވަޑައިގެން ތަފާތު ދާއިރާތަކާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ސަމޯއާގެ ވެރިރަށް އަޕިއާގައި އޮކްޓޯބަރ 21 އިން 26 އަށް ބޭއްވުނު މި ބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލޙަވާލުވެވަޑައިގެންނެވި ފަހުން ބޭއްވުނު ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ޙަރަކާތްތެރިކަން އިތުރުކޮށް، މުހިންމު ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ނަތީޖާއެކެވެ.