ޚަބަރު
ރާއްޖެ އެތެރެކުރަން އުޅުނު 1.7 މިލިއަނަށްވުރެ ގިނަ ސިގިރޭޓް ކަސްޓަމްސްއިން އަތުލައިގަނެފި
ހޯކްސް ޖަވާހިރު ބޯޓް ފޮޓޯ: އިންޓަަރނެޓް
ކަސްޓަމްސްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 1.7 މިލިއަނަށްވުރެ ގިނަ ސިގިރޭޓް އަތުލައިގަނެފިއެވެ. މި އޮޕަރޭޝަން ހިންގީ 25 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ރޭ ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެންނެވެ.
ކަސްޓަމްސްއިން ބުނާ ގޮތުގައި، ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން 24 އޮކްޓޯބަރު 2024 ވަނަ ދުވަހު ރާއްޖެ އައި "އެމް.ޓީ. ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިގިރޭޓް އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވާކަމަށެވެ.
މި ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ލޯކަލް ދޯންޏެއްކަމަށްވާ "ހޯކްސް ރޯދި" އަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސް، ތިލަފުށީގައި ހުންނަ ކުންފުނީގެ ބޯޓްޔާޑަށް އެތަކެތި ބޭލުމުގެ މަސައްކަތް ކޮށްފައިވަނީ 25 އޮކްޓޯބަރު ދުވަހުގެ ރޭ 10:00 ގައެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ބޯޓްޔާޑުގައި އިތުރު ސިގިރޭޓް ހުރިކަމަށް ޝައްކުކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކުރެވުނެވެ. މިހާތަނަށް "ހޯކްސް ބޯޓްޔާޑް" ބަލައި ފާސްކުރި ކުރުމުން އެތަނުގައި ހުރި އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓަރ ބްރޭންޑުގެ ގާތްގަނޑަކަށް 1.695 މިލިއަން ސިގިރޭޓް ސްޓިކްސް ފެނިފައިވެއެވެ.
މި މައްސަލައަކީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވާތީ، މައްސަލައިގެ ތަޙުޤީޤު ކަސްޓަމްސްއިން ވަނީ ފަށާފައެވެ. އަދި މިހާރު މި ސިގިރޭޓްތައް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ.
ކަސްޓަމްސްއިން ވަނީ ރާއްޖެއަށް އެތެރެކުރެވޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސް ޤާނޫނު ތަންފީޒުކުރުމަށް ފަސްނުޖެހޭނެކަމަށް ބުނެފައެވެ. އަދި ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މަރުޙަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއި ކަސްޓަމްސްގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެ މަތިން ޢަމަލުކުރާނެކަމަށްވެސް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.