ޚަބަރު
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓު ނެރުން ލަސްކޮށްފި
ހުޅުމާލެ ފޭސް ދޭއްގެ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ފޮޓޯ:މޯލްޑިވްސް ރިޕަބްލިކް
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކުރުން ވަނީ ލަސްކޮށްފައެވެ.
މި ސްކީމަކީ މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ ސްކީމެކެވެ. މި ސްކީމްގެ ދަށުން 15 ނޮވެމްބަރު 2023 ގައި އިއުލާންކުރި ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް އާންމު ފަރާތްތަކުން އެންޓީ ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިންގ ކޮންސަލްޓެޓިވް ކޮމިޓީ" އިން "ގެދޮރުވެރިޔާ" ސްކީމުގެ ދާއިމީ ލިސްޓް އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނާތީ، މި ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީއިވެލުއޭޓްކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށާފައެވެ.
ނޫސް ބަޔާން pic.twitter.com/s5T7YMAeYk
— Ministry of Housing, Land and Urban Development (@MHLUDmv) October 28, 2024
މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތްތައް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ، މިއަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓް އާންމުކުރުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާނެއެވެ.