ކޮލަމް

ހަތް އަހަރު ވަންދެން ގެއްލިގެން ހޯދި ފިރިމީހާ އިންސްޓަގްރާމް ރީލްއަކުން ފެނިއްޖެ

ހަތް އަހަރު ވަންދެން ގެއްލިގެން ހޯދި ފިރިމީހާ އިންސްޓަގްރާމް ރީލްއަކުން ފެނިއްޖެ

ޖިތެންދުރަ ކުމާރު އަދި އޭނާގެ ކުރީގެ އަނބިމީހާއާއި މިހާރުގެ އަނބިމީހާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ސެޕްޓެމްބަރު 2025، 06:27

05 ސެޕްޓެމްބަރު 2025، 06:27

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހަތް އަހަރު ވަންދެން ގެއްލިގެން އުޅުނު ފިރިހެނަކު، އޭނާގެ ފުރަތަމަ އަނބިމީހާއަށް އިންސްޓަގްރާމް ރީލްއަކުން ފެނިގެން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހަރުދޮއީގައެވެ.

ހަތް އަހަރަށްފަހު ފަޅާއެރި މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ޖިތެންދުރަ ކުމާރު (ބާބްލޫގެ ނަމުން މަޝްހޫރު) ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. އޭނާ ޝީލޫއާ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ކައިވެނީގެ އެއް އަހަރު ފަހުން، ޝީލޫއަށް ކައިވެނީގެ ދަހޭޖުގެ ގޮތުގައި ދީފަހުރި ރަންފަށާއި ކަންފަތުލާ މުދި ދިނުމަށް އެދި އަނިޔާކުރި ކަމަށް ތުހުމަތުކުރެވުނެވެ. އެމައްސަލާގައި ޝީލޫ އޭނާގެ ފިރިމީހާގެ ގެއިން ބޭރުކޮށްލާފައިވާ ކަމަށްވެއެވެ.

މިކަމާ ގުޅިގެން ޝީލޫގެ އާއިލާއިން ވަނީ ދޮންގުލީގެ ގެވެށިއަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައެވެ. މި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ޖިތެންދުރަ ކުމާރު ގެއްލުނެވެ. އޭނާގެ ބައްޕަ، 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހު، ޖިތެންދުރަ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެކި ހިސާބުތައް ހޯދި ނަމަވެސް، ޖިތެންދުރަ ފެނިފައެއް ނުވެއެވެ. މިހާލަތުގައި، ޖިތެންދުރަގެ އާއިލާއިން ވަނީ ޝީލޫއާއި އޭނާގެ ގާތްތިމާގެ މީހުން ޖިތެންދުރަ މަރާލައި ހަށިގަނޑު ފޮރުވާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ޝީލޫ މި ހަތް އަހަރު ދުވަހު އޭނާގެ ފިރިމީހާ ކޮބައިކަމެއް ނޭނގި އަވަހަށް ފެންނާނެ ކަމުގެ އުއްމީދުގައި ދިރިއުޅެމުން ދިޔައެވެ. ނަމަވެސް، މިފަހުން އޭނާއަށް އިންސްޓަގްރާމް ރީލްއަކުން ފިރިމީހާ ފެނުނެވެ. އެ ރީލްގައި ޖިތެންދުރަ ހުރީ އެހެން އަންހެނެއްގެ ގާތުގައެވެ. ޝީލޫ ވަގުތުން އޭނާގެ ފިރިމީހާ ދެނެގަނެ، ކޮތުވާލީ ސަންދީލާ ފުލުހުންނަށް މިކަން ރިޕޯޓުކުރިއެވެ.

ފުލުހުން ކުރި ތަހުގީގުން ހާމަވީ، ޖިތެންދުރަ އޭނާގެ ގެއްލުން ރާވާފައިވާ ކަމަށާއި، ގެވެށިއަނިޔާގެ މައްސަލައިން ސަލާމަތްވުމަށްޓަކައި ލުދިޔާނާއަށް ބަދަލުވެ، އެހެން އަންހެނަކާ ކައިވެނިކޮށް އާ ދިރިއުޅުމެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް، އޭނާގެ އޮންލައިން ހަރަކާތްތަކުގެ ސަބަބުން  މައްސަލަ ފަޅާއަރައިފިއެވެ.

ސަންދީލާ ސާކަލް އޮފިސަރ (ސީ.އޯ) ސަންތޯޝް ސިންގް ވަނީ މި ހާދިސާ ކަށަވަރުކޮށްދެއްވާފައެވެ. ޝީލޫގެ މައްސަލަ ހުށަހެޅުމާއި ސޯޝަލް މީޑިއާގެ ހެކިތަކުގެ މައްޗަށް ބިނާކޮށް ޖިތެންދުރަ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭނާގެ މައްޗަށް އެހެންމީހަކާއި ކައިވެނިކުރުމާއި، މަކަރާއި ހީލަތް، އަދި ގެވެށިއަނިޔާގެ  ދަށުން މައްސަލަ ރަޖިސްޓްރީކޮށްފައެވެ. ޖިތެންދުރަ މިހާރު ހުރީ ސަންދީލާ ފުލުހުންގެ މަރުކަޒުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި މައްސަލައިގެ ގާނޫނީ އިޖުރާއަތްތައް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން