ޚަބަރު
ކުރީ ސަރުކާރުން މެލޭޝިއާގެ ބެސްޓްނެޓަށް 8 ސިޓީއެއް ބަދަލުކޮށްފައިވޭ: ދާޚިލީ ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ކުރީ ސަރުކާރުން މެލޭޝިއާގެ ބެސްޓްނެޓަށް 8 ސިޓީއެއް ބަދަލުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެލޭޝިއާގެ ބެސްޓްނެޓަށް ދަޢުވާނުކޮށް 6.9 ބިލިއަން ރުފިޔާ ދައުލަތުން ހޭދަވާ ގޮތަށް އެކްސްޕެޓް ސިސްޓަމަށް ދީފައިވާ ކަމުގެ ތުހުމަތުކުރައްވާ މެމްބަރު ނާޒިލް ވަނީ ސުވާލު ކުރައްވާފައެވެ. މިކަމަށް ޖަވާބުދެއްވަމުން ދާޚިލީ ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން މެލޭޝިއާގެ ބެސްޓްނެޓަށް 8 ސިޓީއެއް ބަދަލުކޮށްފައިވާ ކަމަށާއި އަދި ލޯފާމުތަކުން ހަތަރު ފަހަރެއްގެ މަތިން ކްލެއިމް ކުރުމަށް އެދިފައިވާ ކަމަށެވެ.
އަޅުގަނޑުމެންނާއި ހަވާލުވެ ބެލިބެލުމުން އެނގުނީ އޭރުގެ އޭޖީގެ ލަފައެއް މިކަމަށް ބަދަލުދިނުމުގެ މަރުހަލާ ފެއްޓުމަށް ކަނޑައަޅުއްވާފަ އޮތް. އަދި ހަމައެހެންމެ އޭރު ރައީސް އޮފީހުގެ ސިޓީފުޅެއް އެބައޮތް މިކަމުގަ ބަދަލު ދިނުމުގެ މަރުހަލާއެއް އަތުވެދާނެ ކަމަށް އް އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފަވޭ. މިއީ ހަމަ ތަނެއްގަ ކުންފުންޏެއް އޮއްވާ އަޅުގަނޑުމެން އެ ކުންފުނި ހޯދައިގެން ކުރި ކަމެއްނޫން
ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދައުލަތަށް ކުރިން ލިބެމުން އައީ 600 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ދައުލަތަށް މިހާރު 900 މިލިއަން ރުފިޔާ އެގްރިމަންޓް ހެދިގެން އަންނައިރު ލިބޭނެ ކަމަށެވެ. އަދި މިނިސްޓަރ ވަނީ ނެޝެނަލް ސެކިއުރިޓީއާ ގުޅޭ މިފަދަ ހައްސާސް މައްސަލަތަކުގައި ހަގީގަތާ ޚިލާފަށް ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް މެމްބަރުގެ ކިބައިން އެދިވަޑައިގެންފައެވެ.
މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުވެވަޑައިގަތީ ފުލުހުންނާއި ކަސްޓަމްސްއިން އެކިއެކި މައްސަލަތަކުގައި ތަހުގީގަށް ހިފަހައްޓާ ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމަކާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރައްވާފައިވާ ސުވާލަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ.
ވަޒީރު ވަނީ 2019 ވަނަ އަހަރު، ބަންގްލަދޭޝްއިން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލާފައިވަނީ އެ ޚިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫން ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ. އެހެންކަމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 2022 ވަނަ އަހަރުގެ ތެރޭގައި އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ.
އޭރު ކުރެވިފައި ހުރި މުޢާމަލާތްތަކަށް ބަލާއިރު އޭރު ޢަމަލުކުރަމުންދިޔަ ސެޓްލަމްންޓް އެގްރީމަންޓްގެ ތެރެއިން އެމީހުންނަށް ބަދަލުދޭން ނިންމާފައި އޮތްކަން ހާމަވޭ. ނަމަވެސް މިހާތަނަށް އެ ކުންފުންޏަށް ބަދަލެއް ދީފައިނުވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ސަރުކާރު ބަދަލުވުމަށްފަހު ސެޓްލްމަންޓް ކޮމިޓީ އުވާލާފައިވާތީ މިކަމުގައި އެކުންފުންޏާއެކު ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު އެ މައްސަލަ ހައްލުކުރާނެ ގޮތްތަކެއް ހޯދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބެސްޓްނެޓުން ދިވެހި ސަރުކާރާއެކު ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުން އެނގެންއޮތްގޮތުން ކުންފުންޏަށް 2019 ވަނަ އަހަރުން ފެށިގެން ލިބުނު ގެއްލުމުގެ ބަދަލުގެގޮތުގައި 13.7 މިލިއަން ޑޮލަރު ދެއްކުމަށް އަންގާފައިވާ ކަމަށް މިނިސްޓަރ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ދާޚިލީ ވަޒީރު ދެއްވާފައިވާ މަޢުލޫމާތުތަކުން އެނގެނީ ކުރީގެ ސަރުކާރުން ބެސްޓްނެޓާ ދެމެދު ބަދަލު ދިނުމާ ގުޅޭ މުޢާމަލާތްތަކެއް ކުރެވިފައިވާ ކަމާއި، އަދި މިހާރުގެ ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމެވެ. ނަމަވެސް، މި މައްސަލައިގައި އިތުރު ތަފްސީލުތައް ހާމަކުރުމަށް ވަޒީރު ޖެހިލުންވެވަޑައިގަންނަވާ ކަން ފާހަގަކުރެވެއެވެ.